ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިއްވި ހުކުމަށް ރައީސްގެ މަރުހަބާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަންމާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގާފައިވާކަމަށް ކަނޑައަޅައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އިއްވި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ މުއާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން (ދަ ގޭމްބިއާ އިން މިއަންމާއާ ދެކޮޅަށް) އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އިއްވި ހުކުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުކުމަކީ ނަސްލު ނައްތާލުމުގެ މުއާހަދާ ނެގެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

މިއީ ބައިނަލްއަޤްވާމީ ޤާނޫނީ އިލްތިޒާމްތައް ދެމެހެއްޓުމަށާއި، ސުލްހަވެރި އަދި ޝަރުޢީ ނިޒާމުގެ ތެރެއިން ކަންކަމުގައި ޒިންމާދާރުކުރުވުން އިތުރުކުރުމަށް އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ހައިސިއްޔަތުން، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދޭ އެއްބާރުލުމާއި ސާބިތުކަން އަލުން ކަށަވަރުކޮށްދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

”މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނީ އިލްތިޒާމްތަކަށް އިހުތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ބަދަހި އަޒުމެއް ބޭނުންވޭ“

ރައީސް ވިދާޅުވީ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި، ޒިންމާދާރުކުރުވުމާއި، އިންސާފު ގާއިމުކުރުމުގެ އިތުރުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ހުރިހާ ދައުލަތްތަކަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން އަމަލުކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ކަނޑައެޅީ މިއަދުއެވެ. ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެ މީހުން ވަނީ މަހުރޫމްކޮށްފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10،000 އެއްހާ މީހުން މަރާލާފައިވާކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާތައް ދީ، ކުޑަކުދިންނަށް ވެސް އަނިޔާތައް ދިނުމުގެ އިތުރުން، ބަންގްލަދޭޝްއަށް ފިލަން ދިޔަ މީހުންނަށް ހަމަލާދީފައިވާކަން ކޯޓަށް ސާބިތުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ، ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، ނޮވެންބަރު 11، 2019 ގައި ގެމްބިއާއިން ހުށަހެޅި މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: