މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ހަރަދުތައް ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ”މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް“ ދައްކާ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ހަރަދު ހުރީ 3.6 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު ހުރީ 3.8 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ މަހު ދައުލަތުގެ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިކަރަންޓް ހަރަދަށް ހޭދަކުރި 3.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %3 ގެ ދަށްވުމެކެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 1.9 ބިލިއަން ރުފިޔާގައެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އޮކްޓޯބަރު މަހު ހޭދަކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.
ހަމައެއާއެކު، ތަރައްގީގެ މަޝްރޫއުތަކާއި ކެޕިޓަލް ހަރަދުތައް ކުޑަކުރުމުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. މިގޮތުން ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކެޕިޓަލް ހަރަދުގެ ގޮތުގައި 677 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ %24.9 ދަށްކުރެވި، 542 މިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ.
ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 677.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރަށް 39.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 33.7 ބިލިއަން ރުފިޔާގައެވެ.
ހަރަދުތައް ހިފެހެއްޓުމަށް އެޅި ފިޔަވަޅުތަކާއެކު، ދައުލަތަށް ލިބުނު އާމްދަނީއަށް ވެސް ވަނީ އެދެވޭ ކުރިއެރުމެއް ލިބިފައެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް 35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %6 ގެ ކުރިއެރުމެކެވެ. މި އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 2 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބުނު 513 މިލިއަން ރުފިޔާ ހިމެނެއެވެ.

