މިއަންނަ އަހަރަކީ ރައްޔިތުންގެ ކުރިއެރުން އެއްކޮށް ހުއްޓިދާނެ އަހަރެއް ކަމަށާއި މިހާރު ވޯޓެއް ނެގިޔަސް މި ސަރުކާރަށް 20 ޕަސެންޓުވެސް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމިޓީން ފާސްކޮށް އެކުލަވައިލި ރިޕޯޓަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ އެއްވެސް ކަމެއް މި ސަރުކާރުގައި ރަނގަޅު ވަމުންދާ ތަނެއް ނުފެންނަ ކަމަށާއި ރަށްރަށުގައި އެއްވެސް ޕްރޮޖެކްޓެއް ހިނގަމުންދާ ތަނެއްވެސް ނުފެންނަ ކަމަށެވެ. 2027 ވަނަ އަހަރަށް ފެނާއި ނަރުދަމާ ނިންމަން ޖެހޭއިރު، އެކަންވެސް ނުހިނގާ ކަމަށާއި ރައްޔިތުންގެ ފައިސާ ”ކަމުން“ ގެންދާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވަނީ އެއްވެސް ކަމެއް ނުވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ރައްޔިތުން ފައިސާ ދެނީ އެއްވެސް ހާލަތެއްގައި އެ ފައިސާއިން ވައްކަން ކުރަން ނޫން ކަމަށާއި، އެ ފައިސާ ދެނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ކަމަށް ޣަފޫރު ވިދާޅުވިއެވެ. މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި ބޭސް ސިޓީއަށް ސަލާންޖެހުން މި ގައުމުން ނައްތާލި ކަމަށާއި އެހެންނަމަވެސް މިހާރު ބޭރަށް ފުރާ މީހުން އަތުން ބޭސް ގެންނަން ބޭސް ސިޓީ ދޭން ޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.
”އިންސާފުގެ ވާހަކަ ދައްކާއިރުގައި މިގައުމަށް އިންސާފު ލިބޭނެ ކަމުގެ އުންމީދު ކުރާ އެއްވެސް ރައްޔިތަކު ނެތް މިއަދަކު. ގާދޫކޮލުން ހިނގައްޖެ ފުރައިގެން. އެ ނުލިބޭނެ މި ގައުމަކަށް. ދެން އިންފްލޭޝަން. މިއަދު ރާއްޖޭގައި އިންފްލޭޝަން ހުރީ 25% ގައި. ބަޖެޓުގައި މަޝްވަރާ ކުރި ވާހަކަ ބުނާއިރު، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހުށައެޅި އެއްވެސް ކަމަކަށް އިޖާބަ ދީފައެއް ނެތް. އޮޑިޓަރ ޖެނެރަލް ހުށައެޅި ބަޔާނަކަށް އިޖާބަ ދީފައެއް ނެތް. ސެންޓްރަލް ބޭންކުގެ ގަވަރުނަރު މިތަނަށް ފޮނުވި ބަޔާނަކަށް އިޖާބަ ދީފައެއް ނެތް. މި ކަންކަމާ މެދު ފިކުރުކޮށްފައެއްނު މިގައުމުގެ ބަޖެޓު ނިންމަން ޖެހޭނީ“
ޣަފޫރު ވިދާޅުވީ ހަމަ އަތް ހިއްލާލާފައި ވޯޓު ދިނުމުން ނިމުނީ ނޫން ކަމަށެވެ. މިހާރު ހުށައަޅާފައިވާ ބަޖެޓަށް ވޯޓު ދޭން ނުޖެހޭ ކަމަށާއި ވޯޓު ދޭން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ބަޖެޓަކަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ ސަރުކާރުން ކޮށްދޭ ކަމެއް ގައުމުގައި ނެތް ކަމަށާއި، ތަނަކުން ބިން ހިއްކާފައިވާނަމަ އެތަނެއްގެ 25 ފަސެންޓު އޮތީ ގިރާފައި ކަމަށެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ ސަރުކާރަށް ހެދުނު އެއްވެސް ތަނެއް ނެތް ކަމަށާއި، ހަނިމާދޫ އެއާޕޯޓުވެސް ހެދުނީ އެމްޑީޕީ ސަރުކާރުގައި ފަންޑު ހޯދުމުން ކަމަށެވެ. އެއާޕޯޓު ހެދިޔަސް އެތަން ހިންގަން ސަރުކާރަށް ނޭނގޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މި ވެރިކަން ނިމިގެން އަންނާނީ ރައްޔިތުން ނިކަމެތިވެ ބަނޑަށް ޖެހިގެން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީި މިއަންނަ އަހަރަކީ ރައްޔިތުންގެ ކުރިއެރުން އެއްކޮށް ހުއްޓިދާނެ އަހަރެއް ކަމަށެވެ. ރައްޔިތުންގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ހިންގަނީ ފިނޭންސް މިނިސްޓްރީގައި ކަމަށާއި، މިހާރުވެސް ހިސާބުތައް ބެއްލެވުމުން އެކަން ފެންނާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

