މާލެއާއި ވިލިމާލެއާއި ދެމެދު ބާއްވަމުން އަންނަ ފެރީ ދަތުރުތައް ކުރިއަށްވުރެ އިތުރުކޮށްފައިވާކަމަށް، އެ ޚިދުމަތް ފޯރުކޮށްދެމުންދާ އެމްޓީސީސީން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން، ވޭތުވެދިޔަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގައި މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާތީ، ފެރީގެ ޚިދުމަތްތަކާއި، ބަސްދަތުރުތަކުގެ ޚިދުމަތްދެމުން ގެންދިޔަ ޢާންމު ތާވަލަށް ޢަމަލުކުރުން އެމްޓީސީސީން ވަނީ ހުއްޓާލާފައެވެ.
މި ގޮތުން، އެމްޓީސީސީން ވޭތުވެދިޔަ ދުވަސްތަކުގައި، ފެރީ ދަތުރުތަކާއި، ބަސްދަތުރުތަކުގެ ޚިދުމަތްތައް ފޯރުކޮށްދެމުންއައީ، ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތުތަކެއްގައެވެ.
ނަމަވެސް، ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމުމާއި ގުޅިގެން، މާލެއާއި ވިލިމާލެއާއި ދެމެދު ބާއްވަމުންއައި ފެރީ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށާއި، ހޮނިހިރު ދުވަހުން ފެށިގެން މިހާރުގެ ތާވަލަށް 08 ދަތުރު އިތުރުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
މި ގޮތުން، މި 08 ދަތުރާއެކު، ކޮންމެ ދުވަހަކުވެސް، ކޮޅަކަށް ޖުމްލަ 20 ދަތުރުކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި މީގެކުރިން، މާލެއާއި ވިލިމާލެއާއި ދެމެދުގައި 06 ދަތުރު ބޭއްވިއިރު، ދުވާލެއްގެ މައްޗަށް 450 މީހުން ދަތުރުކުރިއެވެ.
މީގެ އިތުރުން، 12 ދަތުރަށް އިތުރުކުރިއިރު، ދުވާލެއްގެ މައްޗަށް 950 މީހުން ދަތުރުކޮށްފައިވާކަމަށާއި، ހޮނިހިރު ދުވަހު ގެނައި ބަދަލާއެކު، ދުވާލެއްގެ މައްޗަށް 1400 އާއި، 1500 އާއި ދެމެދުގެ އަދަދަކަށް މީހުން ދަތުރުކުރާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މާލެއާއި ވިލިމާލެއާއި، ތިލަފުށްޓާއި ގުޅިފަޅުގެ ދެމެދުގެ ދަތުރުތަކުގެ އިތުރުން، އެމްޓީސީން ދަނީ، ރާާއްޖޭގެ 11 އަތޮޅަކަށް ކާގޯ ފެރީތައް ބާއްވަމުންނެވެ.

