ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ، ދުވާލަކު 04 ގަޑިއިރުކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އާދިއްތަވިލޭރޭ އެޑިއުކޭޝަން މިނިސްޓްރީން، ރާއްޖޭގެ ހުރިހައި ސްކޫލުތަކަކަށް ފޮނުވާފައިވާ ސަރކިއުލާއެއްގައި ބުނީ، ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ، ދުވާލަކު 04 ގަޑިއިރުކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައެއް ލިބުނުހައި އަވަހަކަށް ސްކޫލުތަކުގެ ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ.
މި ގޮތުން ނިއުނޯމަލްގައި ކިޔެވުމުގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތުގައި، ދަރިވަރުންނާއި، ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މީގެ ކުރިން ކިޔަވައިދިނުމުގެ ކަންކަން ހަމަޖެހިފައިވާގޮތާއި ތަފާތު ގޮތަކަށް ކަންތައްތައް ތަރުތީބުކުރަން ރާވާފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މި ގޮތުން ސްކޫލުތައް އަލުން ހުޅުވޭއިރު، ތިން ކެޓަގަރީއަކަށް ބަހާލާފައިވާކަމަށާއި، ފުރަތަމަ ކެޓަގަރީގައި، ލޮކްޑައުންގެ ހާލަތަށް ގެންނަ ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭނީ، ހަމައެކަނި ކީ ސްޓޭޖް ހަތަރަކާއި، ކީސްޓޭޖް ފަހެއްގެ ދަރިވަރުންނަށްކަމަށް ސަރކިއުލަރގައި ފާހަގަކޮށްފައިވެއެވެ.
އެއީ ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގުރޭޑް 9، 10 އަދި ކީ ސްޓޭޖް ފަހެއްގައި ހިމެނޭ ގުރޭޑް 11، 12 ކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.
ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ އަސަރު ނެތް ރަށްރަށުގައި، ހުރިހައި ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ވެސް ހަމަޖައްސާފައިވާކަމަށެވެ.
އޭގެ އިތުރުން، ކީސްޓޭޖް 1 ގައި ހިމެނޭ، ގްރޭޑް 1، 2، 3 އަށާއި، ކީސްޓޭޖް 2 ގައި ހިމެނޭ، 4، 5، 6 އަށް ކޮންމެ ހަފްތާއަކު ކިޔަވައިދޭނީ، 19 ޕީރިއަޑްކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި އެ ސްޓޭޖްގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު 05 ސެޝަން ނަގައިދޭނެކަމަށެވެ.
ހަމައެއާއެކު ކީ ސްޓޭޖް 3 ގައި ހިމެނޭ ގުރޭޑް 7، 8 އަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، ހަފުތާއަކު 18 ޕީރިއަޑަށްކަމަށާއި، ގުރޭޑް 9،10 ކިޔަވަމުން އަންނަ
ކެމްބްރިޖް ސިލަބަސް ބުނާގޮތުން، އެ ދެ ގުރޭޑުގައި ކޮންމެ މާއްދާއަކުން ވެސް ޖުމްލަ 180 ގަޑިއިރު ހަމަކުރަންޖެހޭ ކަމަށެވެ. އަދި އެޑެކްސެލް އޭ ލެވެލް ސިލަބަސްގައިވާގޮތުން 02 އަހަރުތެރޭގައި، ގުރޭޑު 11،12 އިގެ ދަރިވަރުން 230 ގަޑިއިރު ހަމަކުރަންޖެހޭކަމަށެވެ.
ނިއު ނޯމަލްގައި 04 ގަޑިއިރު ކިޔަވައިދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަނުން ބުނާއިރު، ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަކަށް ވެސް ކިޔަވައިދޭން ޖެހިދާނެކަމަށް މިނިސްޓަރު ޢާއިޝަތު ޢަލީ ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ނިއުނޯމަލްގައި ކިޔަވަންދޭން ފެށުމުން ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުވާނެކަމަށާއި، ގިނަވަގުތު ހޭދަކުރާނީ، ޑިސްޓެންސް މޯޑްގައިކަމަށް ވެސް މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން، މާޗުމަހުގެ 12 ވަނަ ދުވަހުގައި، ސްކޫލުތައް ބަންދުކޮށްފައިވާއިރު، އަންނަ ޖުލައި މަހުގައި ސްކޫލުތައް ހުޅުވައިލުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު އަދި އެއީ ސީދާ ކޮންދުވަހެއްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

