ވަކީލެއްގެ ފުރުސަތަކަށް އެދުމުން، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.
މީގެ 31 އަހަރު ކުރިން ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިއާ ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ވަނީ ފިލާފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރިކަމުގައެވެ. ފިލި މައްސަލައިގައި މިއަދު އެ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ބާޣީ ލުތުފީގެ މައްޗަށް އުފުލާފައިވަނީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާއެވެ. އެ ދައުވާގައި ބުނެފައިވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލީ ކަމަށެވެ.
ކޮވިޑާއި ގުޅިގެން ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ކުރިޔަށް ގެންދިޔަ އެ އަޑުއެހުމުގައި ކްރިމިނަލް ކޯޓު ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ވަނީ ބާޣީ ލުތުފީއާއި ދައުވާ ސާފުތޯ ސުވާލު ކުރައްވާފައެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިޔަށް ގެންދިއުމުގައި އިއުތިރާޒެއް އޮތްތޯ ސުވާލު ކުރުމުން، އޭނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުންޏެވެ. އަދި ވަނީ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ޝަރީއަތް ކުރިޔަށް ގެންދިއުމަށް ގާނޫނީ ވަކީލެއް ބޭނުންވެތޯ ސުވާލުކުރެއްވުމުން ބާޣީ ލުތުފީ ބުނީ އޭނާގެ މައްސަލަ ކުރިޔަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާއި އެކު ކަމަށެވެ. އަދި އޭނާ އެދުނީ އެކަން ކްރިމިނަލް ކޯޓުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ލިޔުމަކުން އަންގައިދިނުމަށެވެ. ބާޣީ ލުތުފީ ބުނީ ކަރެކްޝަންސް އާއި އެކު އަނގަބަހުން ކުރާ މުވާމަލާތްތަކުގައި، ފަހުން އެކަން ކުރިޔަށް ގެންދިއުމަށް ހުރަސްތަކެއް އަންނަ ކަމަށެވެ.
ލުތުފީ ވަކީލަކު ބޭނުންވާތީ ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެކަމަށް ފޯނު ކޯލުގެ ފުރުސަތު ދިނުމަށް ކަރެންޝަންސްއަށް ސިޓީ ފޮނުވާނެކަމަށް ރިޔާސަތުން ވިދާޅުވިއެވެ. އެހެން ކަމުން ޖަވާބުދާރީވުން ކުރިޔަށް ގެންދާނީ ވަކީލުގެ ހާޒިރުގައިކަން ގާޒީ ފާހަގަކުރެއްވިއެވެ.
އަމިއްލަ ނަން ބަދަލުކޮށް ލުތުފީ ފިލައިގެން އައުމަށްފަހު، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރިކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެއީ އޭރު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.
ނަމަވެސް ސަރުކާރުން ވަނީ، އުމަރު ނަސީރު އެ ވާހަކަތައް ފަޅުވާ އަރުވާލުމާއި ހަމައަށް ބާޣީ ލުތުގައި ލަންކާ އެމްބަސީގައި ހުރިކަން ސިއްރުކޮށްފައެވެ. ނަމަވެސް އޭރު ލަންކާގެ ނިއުސް ފަސްޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން ނަން އޮޅުވާލައިގެން ގަވައިދާއި ހިލާފަށް ލަންކާގައި ދިރިއުޅެމުން އައި ލުތްފީ އެމްބަސީގައި ހުރިކަމުގެ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް އެނގިފައެއް ނެތެވެ. ބާޣީ ލުތްފީ އެމްބަސީގައި ހުރިކަން އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު ފުލުހުން ބުނެފައިވަނީ ބާޣީ ލުތްފީ އެމްސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
19 ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި މީހާއަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މަރުގެ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.
މާދަމާ ބާޣީ ލުތުފީގެ އިބްތިދާއީ ޝަރީއަތް ބޭއްވިއިރު، އޭނާ ރާއްޖެ ގެނައިތާ އަންނަ މަހު އެއް އަހަރު ވާނެއެވެ.

