ކަންކަން އިސްލާހު ކުރުމަށް މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މިއަދު ޝަރުއީ ދާއިރާގެ ކަންކަން ގޯސްވެގެން ވާހަކަ ދައްކާނެ ފުރުސަތެއް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކަންކަން އިސްލާހު ކުރުމަށް މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު ކޯޓުތައް ގޯސްވެގެން އެ ވާހަކަތައް ދައްކާނެ މީހެއް ނެތް ކަމަށެވެ. އަދި ޝަރުއީ ދައިރާގެ ނިންމުމެއް ކަމު ނުގޮސްގެންނާއި ޝަރުއީ ކޯޓެއްގެ މަސައްކަތާއި ހިތްހަމަނުޖެހިގެން ވެސް ވާހަކަ ދައްކާ މީހެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވީ އޮޅުންބޮޅުންވެފައި އޮތް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުން ކަމަށެވެ. ގޯހުން ހިނގާކަންކަން ބަލަމުން ގެންދާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖެއަށް ލިބިފައިވަނީ އާ ސުޕްރީމް ކޯޓެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނަށް ވެސް އިސްލާހު ގެނެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން ރަނގަޅަށް މިހާރު ފަންކްޝަން ކުރަން ފަށާފައިވާކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލައެއް ހުށަހެޅިއްޖެނަމަ ނުވަތަ ތުހުމަތެއް ކުރެވިއްޖެނަމަ އެ މައްސަލަ ވެސް އެއްވެސް ލަސްކަމެއް ނެތި ތަހުގީގު ކުރެވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“ އާންމު މީޑިއާއެއްގައި ވެސް ކޯޓެއްގެ ވާހަކަ ނާދޭ. އެހެން ގޮތެއް އެ ވަނީ އެ ކަމެއް ރަނގަޅަށް ހިނގާތީ. ރަނގަޅަށް ކަމެއް ހިނގަން ފެށީމަ އެހާ ބޮޑަކަށް ސަނާ ކިއުމެއް ނޯންނާނެ“ ރައީސް ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމެވެ. އަދި އެޖެންޑާ19 ގައި އެކަންކަން ހިމަނާ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި ސުޕްރީމް ކޯޓުގެ ބެންޗު އެކީ ބަދަލުކޮށް، ފަނޑިޔާރުންގެ މައްސަލަ ބެލުން ހިމެނެއެވެ.
ޝަރުއީ ދާއިރާގެ ނިންމުންތައް ގޯސްވެގެން އެ ވާހަކަތައް ދައްކާނެ މީހެއް މިއަދު ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވީއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރަމުންނެވެ. ހާއްސަކޮށް ޖޭއެސްސީގެ މެމްބަރުކަމުގައި އިންނަވައިގެން ރައީސް ނަޝީދު ފަނޑިޔާރުންގެ މަސައްކަތްތަކަށް ބާރުފޯރުވަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެއެވެ.

