ކޮވިޑް-19 އިގެ ސަބަބުން، ރާއްޖެއަށް ނާދެވި މެލޭޝިއާގައި ތާށިވެފައި ތިބި 195 ދިވެހިން ރާއްޖެއަށް އައިސްފައިވާކަމަށް، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބުނެފިއެވެ.
މި ކަން ހާމަކޮށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން، އަންގާރަވިލޭރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރ ވިޝާމް ޢަލީގެ އިތުރުން، 195 ދިވެއްސަކު ރާއްޖެ އައިސްފައިވާކަމަށެވެ.
މި އެންމެން ވެސް އައިސްފައިވަނީ، މޯލްޑިވިއަންގެ ފްލައިޓެއްގައިކަމަށް ވެސް ހާމަކޮށްފައިވެއެވެ. މި ގޮތުން މި މީހުން ގެނައުމުގައި، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ އިތުރުން، ދެ ޤައުމުގެ ފޮރިން މިނިސްޓްރީންނާއި، މެލޭޝިޔާގެ އިމިގުރޭޝަނުން މަސައްކަތްކޮށްފައިވެއެވެ.
މޯލްޑިވިއަނުން ބޭއްވި ޚާއްސަ ފްލައިޓެއްގައި މި 195 މީހުން ރާއްޖެ އައިސްފައިވާއިރު، މި މަހުގެ 17 ވަނަ ދުވަހުގައި ވެސް، މެލޭޝިޔާގައި ތިބި އިތުރު ދިވެހިން ގެނައުމަށް ވެސް މޯލްޑިވިއަނުންވަނީ ދަތުރު ހަމަޖައްސާފައެވެ.
ހަމައެއާއެކު ވޭތުވެދިޔަ ތަނުގައި އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ގިނަބަޔަކުވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެ އައިސްފައެވެ. ހަމަޖައްސާފައެވެ. މި ގޮތުން މިހާތަނަށް އެކި ޤައުމުތަކުގައި ތިބި 4000 އަށްވުރެ ގިނަ ދިވެހިންވަނީ ރާއްޖެ ގެނެސްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން، އެކި ޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މި މަސައްކަތުގެތެރެއިން ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ، އެ މީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.
މި ގޮތުން، އިމިގުރޭޝަނުން ހާމަކޮށްފައިވާގޮތުގައި، މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް، އޭޝިޔާގެ ޤައުމުތަކަށް 10,878 މީހުން ގޮސްފައިވާއިރު، ހުޅަނގުގެ ޤައުމުތަކުގެ 2,091 މީހުންނާއި، އެފްރިކާ ބައްރުގެ 41 މީހަކުވަނީ، އެނބުރި ޤައުމަށް ގޮސްފައެވެ.
އޭގެތެރެއިން އެންމެ ގިނައިން ބިދޭސީން ފޮނުވައިލި ޤައުމުތަކުގެތެރޭގައި، އިންޑިއާ ހިމެނެއެވެ. މި ގޮތުން ރާއްޖޭގައި ތިބި އެ ޤައުމުގެ 3,384 މީހަކު ގޮސްފައިވާއިރު، ބަންގްލަދޭޝްގެ 2,924 މީހަކު އެނބުރި ޤައުމަށް ގޮސްފައިވެއެވެ. އަދި އިންޑޮނޭޝިއާގެ 808 މީހުންނާއި، ތައިލެންޑްގެ 350 މީހުންނާއި ފިލިޕީންސްގެ 336 މީހެއްގެ އިތުރުން، ލަންކާގެ 291 މީހަކު ވެސް ވަނީ އެ މީހުންގެ ޤައުމުތަކަށް ގޮސްފައިވެއެވެ.

