އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ރާއްޖޭގައި ގާނޫނުތައް ހުރި ނަމަވެސް ގިނަ ފަހަރު ކުށް ސާބިތުނުވަނީ ފަނޑިޔާރުން އެގޮތް ބޭނުން ނުވާތީ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އަންހެނުންނާ މެދު ތަފާތުކުރުންތައް ނައްތައިލާ ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި އީވާ ހުށަހެޅުއްވި ޤާރާރަށް ބަހުސް ކުރައްވަމުން އިވާ ވިދާޅުވީ ގާނޫނުތައް ހުރި ނަމަވެސް ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށެވެ.
އީވާ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ރާއްޖޭގައި ގާނޫނުތައް ހެދިފައި އެބުރި ކަމަށެވެ. އެކަމަކު ގިނަ ފަހަރު ކުށް ސާބިތުނުވަނީ އެގޮތަށް ފަނޑިޔާރުން ބޭނުން ނުވާތީ ކަމަށް އީވާ ވިދާޅުވިއެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން 18 މައްސަލަ ކޯޓަށް ހުށަހެޅި އިރު އޭގެ ތެރެއިން ސާބިތުވީ އެންމެ ހަތަރު މައްސަލަ ކަމަށް އީވާ ވިދާޅުވިއެވެ.
ބައެއް ތަފާސް ހިސާބުތައް ހާމަކުރައްވަމުން އީވާ ވިދާޅުވީ ޖިންސީ ފުރައްސާރަ އާއި ގޯނާކުރުމުގެ ގާނޫނު ފާސްކުރިތާ ހަ އަހަރު ވީ އިރު އެ ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅީ އެންމެ މައްސަލައެއް ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 236 މައްސަލަ ހުށަހެޅި އިރު އޭގެ ތެރެއިން ސާބިތުވީ 97 މައްސަލައެވެ. އަދި ޖެންޑާ އީކުއަލިޓީ ގާނޫނު ފާސްކުރި ފަހުން ހަތަރު އަހަރު ވެފައި ވާއިރު އެ ގާނޫނުގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަ ނާޅާ ކަމަށް އީވާ ވިދާޅުވިއެވެ.
ވަރަށް ގިނަ ފަހަރަށް މައްސަލަތައް ހުށަހަޅަން ބައެއް ފަރާތްތަކުން ބޭނުން ނުވާ ކަމަށާއި އެގޮތަށް ބޭނުން ނުވަނީ އިންސާފު ނުލިބޭނެތީ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މައްސަލަ ހުށަހެޅުން އެއީ މައްސަލައަކަށްވެސް ނުވާ ކަމަށާއި އެތައް ފަހަރަކު، ނަސޭހަތްދީފައި ގެއަށް ދާށޭ ވެސް ބުނެފައި އެބަހުރި ކަމަށެވެ.
އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމާއި ހަމަހަމަކަމާއި އިންސާފު ލިޔުމުން ކިތަންމެ ވަރަކަށް ވެސް ރާއްޖޭގައި ލިބިދީފައިވާ ކަމަށާއި އެކަމަކު ލިޔެކިޔުމާއި ހަގީގަތާ ދެމެދު ބޮޑެތި ބާގަނޑުތަކެއް އެބަހުރި ކަމަށް އީވާ ވިދާޅުވި އެވެ.
މާޗު މަސް ތެރޭގައި މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ އީވާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އާބާދީގެ 49 ޕަސެންޓު އަންހެނުން ހިއްސާކުރާއިރު އެމީހުންނާ މެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށް ގައުމީ ތަރައްގީގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ހިއްސާ އޮންނަންޖެހޭ ކަމަށެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި އަދި އަންހެނުންނާ މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވީ ނަމަވެސް އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށްޓަކައި މީގެ އިތުރުން ވެސް ކަންކަން ކުރަންޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ.

