ވެރިކަމަށް އާދެވޭ ކޮންމެ ފަހަރަކު ވެސް ފުލުހުންގެ މުވައްސަސާގެ އަގުވައްޓާލާ، ދަށްކޮށް ފުރައްސާރަ ކުރުމަކީ އެމްޑީޕީގެ އާދައެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މެމްބަރުން ފުލުހުންނާއި މެދު ބަސްތައް ބޭނުން ކުރަނީ ވަރަށް ހަޑިހުތުރުކޮށް ކަމަށެވެ. އަދި މުޅު މުވައްސަސާއާއި މެދު އެމްޑީޕީގެ މެމްބަރުން ދެކޭ ގޮތުގެ މައްޗަށް ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހި ފުލުހުންނަކީ ގައުމަށްޓަކާ އެތައް ގުރުބާނީއެއް ވާ ބައެއް ކަމަށެވެ. އަދި އަބަދުވެސް އެ މުވައްސަސާ ކުރިޔަށް ދަނީ ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރުމައިގެން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރެއްގައި ވެސް ދިވެހި ފުލުހުންނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ އާއްމުކަމަކަށް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ފުލުހުންނާއި މެދު އުފައްދަން މަސައްކަތް ކުރާ ނަފްތު ކުށްވެރިކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ކޮންމެ ގައުމެއްގައި ވެސް ހާއްސަ މުވައްސަސާތަކެއް ހުންނާނެ. އެގޮތުން ބަލާއިރު ގައުމެއްގެ ނިސްބަތުން ސަލާމަތީ ހިދުމަތްތަކަކީ އެ ތަންތަނާ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ކުޅެގެންވާނެ ތަންތަނެއް ނޫން. އެ މުވައްސަސާތަކުގެ އަގު ވެއްޓޭގޮތަށް އެއްވެސް މީހަކު އަމަލުކޮށްގެން ވާނެ ކަންތަކެއް ނޫން. އެ މުވައްސަސާއަކުން ވެސް ގޯސްކޮށް ކަންކަން ކުރަންޏާ އެ ވާހަކަތައް ދައްކަން ވާނެ، އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވާނެ. އެހެން ނަމަވެސް ފުލުހުންގެ އަގުވައްޓާލާ އެ މީހުންގެ ސޯޓު ލައްވާ މަގުމައްޗަށް ނެރެ، މަގުމަތީ ދަމާ ހިސާބަށް ގެންދިޔައީމަ އެއީކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން“ އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މިއަދު ފެންނަނީ ދިވެހި ފުލުހުންގެ މުވައްސަސާ ވަކި ގޮތަކަށް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނަ މީހަކަށް، ފުލުހުން މަގާމުން ވަކި ކުރެވޭނެ ބާރުތައް ދިނުމާއި އަދި އެ މީހުން ބޭނުންވާ ބައެއްގެ މައްސަލަތައް ފަސޭހައިން ބެލޭނެ ޖާގަތައް ހޯދުން ހިމެނޭ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ދިވެހި ފުލުހުން އިސްލާމް ދީނާއި ދުރުކުރުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފުލުހުންގެ ބިލު ހުށަހެޅި ބަހުސް ކުރަމުން ދާއިރު، ފުލުހުންގެ ހުވާ ކުރުން އެއީ އޭގެ ހެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. އިސްލާމް ދީން ހިމާޔަތް ކުރުމުން ފުލުހުންގެ ހުވާ ފެށޭއިރު، ފުލުހުންގެ ހުވާގައި އިންސާނީ ހައްގުގެ ވާހަކަ ގެންނަން ވީ ކީއްވެގެންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ. އައި ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރުމާއި ހަމައިން އިންސާނީ ހައްގުތައް ވެސް ކަށަވަރު ކުރެވޭނެ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ހުވާފައި އިސްލާމް ދީން ހިމާޔަތް ކުރުން ހިމެނުމަށް އޭނާ ގޮވާލިއެވެ
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، އެ އިމާރާތް ހުންނަތަން ވެސް ބަދަލުކޮށް، ފުލުހުންގެ މުވައްސަސާވެ ކުލައާއި ޔުނިފޯމުތައް ވެސް ބަދަލު ކުރުމަށް ކަމަށެވެ.
މިއީ ބޮޑު ރޭވުމެއްގެ ތެރެއިން ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވިއެވެ. އަދި މަޖިލީހުގައި އެކަން ކުރުމުގެ ފުރުސަތު ލިބެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް ފުރުސަތު ދޭތީ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެއީ މަޖިލީހުގެ ރައީސެއް ނޫން ކަމަށާއި، އެއީ ”ގ. ކެނެރީގޭ، ނަޝީދު“ ކަމަށެވެ.

