ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި، ރާއްޖޭގެ އިގްތިސާދު ވެސް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާތީ، މި ވަގުތު ވިޔަފާރިތަކަށް މިނިމަމް ވޭޖް ލާޒިމު ކުރަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މިނިމަން ވޭޖެއް ކަނޑައެޅުން އެންމެ ރަނގަޅީ ރާއްޖެ ކޮވިޑުގެ ހާލަތުން އަރައިގެނެވުނީމަ ކަމަށެވެ. އޭގެ އެންމެ ބޮޑު ބޭނުނަކީ އިގްތިސޯދީ ހާލަތު ދެނެގަތުން ކަމުގައި އަމީރު ވިދާޅުވިއެވެ. އަދި މި ހާލަތުން އަރައިގަނެވި، އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް ލަފާ ކުރެވެނީ 2022 ހިސާބުގައި ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިމަން ވޭޖު ކަނޑައެޅުމަށް މިއީ ރަނގަޅު ވަގުތެއްގެ ގޮތުގައި ނުދެކޭކަމަށް ވިދާޅުވެ އަމީރު ވަނީ، ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މިއޮތީ އިގްތިސޯދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައި ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ރާއްޖޭގެ އިގްތިސޯދަށް ވެސް އައިސްދާނެ ބަދަލުތަކާއި، އަދި އިތުރަށް ރަނގަޅުވެގެން ދާނީ ކިހިނެއްކަން ބުނަން ދަތިކަމަށް މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވިއެވެ.
”މިނިމަމް ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން، ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދު ވެސް ދަށްވެފައި، އަޅުގަނޑުމެނަށް އެންމެ ޔަގީންކަމާއެކު ނޭނގެ ކިހިނަކުން ކަމެއް އަޅުގަނޑުމެންގެ އިގްތިސާދު ބަދަލުވެގެން ދާނީއެއް“ އަމީރު
އަމީރު ވަނީ މިނިމަން ވޭޖު ކަނޑައެޅުމުގައި ސަރުކާރަށް ވެސް ދިމާވާނެ ދަތިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ ޕަބްލިކް ސެކްޓާރ ގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން، 22،378 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 6،000 ދަށުގެ މުސާރައެއް ކަމަށެވެ. އެހެން ކަމުން، މިނިމަމް ވޭޖާއި އެކު ސަރުކާރުގެ ހަރަދުތައް ވެސް އިތުރުވެގެން ދާނެ ކަމުގައި އަމީރު ފާހަގަކުރެއްވިއެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި އެ ކަނޑައަޅާ އަދަދަކަށް ބަލާއިރު އިތުރު ދެ ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ.
މިނިމަން ވޭޖާއި އެކު، އަމީރު ވިދާޅުވީ ދައުލަތުގެ މުސާރައާއި ޕެންޝަން ހިނގާނެ ހަރަދުތައް، 3.7 ބިލިއަނަށް އިތުރުވާނެ ކަމަށެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިން މިނިމަމް ވޭޖު ކަނޑައެޅުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާއިރު މިއީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ އިތުރުވެގެން ހިނގައިދާނެ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލި ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދީފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި 4،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. އަދި ފުރިހަމަ މިނިމަމް ވޭޖް ކަނޑައަޅާއިރު ބިދޭސީން ނުހިމެނުމަށް އޭރު ލަފާ ވެސް ދީފައިވެއެވެ.

