ތެލުގެ ވަގު ވިޔަފާރިއާ ގުޅިގެން ގްރާންޓް ތޯރޓަން ކުންފުނިން ސަރުކާރަށް ދިން ފައިލްތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ނެތްނަމަ، އެއީ އެކޮމިޝަންގެ މައްސަލައެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ހޯދުމަށް މަޖިލީހަށް ހުށައެޅުނު މައްސަލައަށް ބަހުސް ކުރައްވަމުން ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމް ވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވީ މައްސަލައިގެ ގޮތުގައި ހުށައަޅާފައިވަނީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ހިނގައިދިޔަގޮތް މިހާރުވެސް ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތައް ބެލުމުން އެނގިގެންދާނެ ކަމަށެވެ.
2012 ވަނަ އަހަރުގެ އޮޑިޓް އޮފީހުގެ ރިޕޯޓަށް އަލިއަޅުއްވާލައްވައި އުޝާމް ވިދާޅުވީ ގްރާންޓް ތޯރޓަން އޮފީހަށް ދިވެހި ދައުލަތުގެ ފަރާތުން 4.8 މިލިއަން ރުފިޔާ ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ދޭހަވާގޮތަށް ވާހަކަދައްކަވާ ވަނީ ފާޑު ވިދާޅުވެފައެވެ.
އުޝާމް އިތުރަށް ވިދާޅުވީ ގްރާންޓް ތޯރޓަންގެ އިންވޮއިސްތަކަށް ދިވެހި ސަރުކާރުން ފައިސާ ދައްކަމުން ނުދާތީ އެކުންފުނިން އެއްބަސްވުން ނިންމާލަން ބޭނުންވިކަމަށް އޮޑިޓް ރިޕޯޓުގައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ގްރާންޓް ތޯރޓަންއަށް ނުދައްކާ ހުރި ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރުމަށާއި 28 ސެޕްޓެމްބަރު 2012ގައި ފޮނުވާފައިވާ ލެޓަރ ބިފޯ ކްލެއިމްއަށް އިޖާބަ ނުދެއްވައިފިނަމަ އެއްބަސްވުމުގައިވާ ގޮތުން އެމައްސަލަ އިނގިރޭސިވިލާތުގެ ކޯޓުތަކަށް ހުށައަޅާނެ ކަމަށް ކުންފުނީގެ ވަކީލު އަންގާފައިވާ ކަމަށެވެ.
އެއްބަސްވުން އުވާލިއިރު، މައްސަަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައިވޭތޯ ސުވާލުކޮށްފައިވާ ކަމަށާއި ފައިނަލް ރިޕޯޓެއް އެކުލަވާލާފައިނުވާ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި 2011 ވަނަ އަހަރު ސަރުކާރަަށް މައްސަލައާއި ގުޅޭ ޕްރެޒެންޓޭޝަނެއް ފޮނުވާފައިވާ ކަމަށާއި އޭގެ ކޮޕީއެއް ދެވިދާނެތް އެދުމުން އެކަމަށް ޖަވާބެއް ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިގެ އިތުރަށް، ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ފައިސާ ދައްކާ ޚަލާސް ކުރުމުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ފައިލް ސަރުކާރާއި ހަވާލުކޮށްފައިވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އަދި އޭޖީ އޮފީހާއި އެފައިލްތައް ހަވާލުކުރުމުން ފައިލްތައް ކެނޑުމެއްވެސްނެތި، އޭސީސީއާ ހަވާލުކޮށްފައިވާނެ ކަމަށާއި އެކަމުގައި ޚުދު އެބޭފުޅާވެސް ބައިވެރިވި ކަމަށެވެ. އަދި އޭސީސީއަށް އެފައިލްތައް ހަވާލުކުރިކަމުގެ ލިޔެކިޔުންތައްވެސް ހުންނާނެކަމަށް އުޝަމް ވިދާޅުވިއެވެ. އަދި އޭސީސީގައި އެފަައިލްތައް ނެތްކަމުގައިވާނާމަ އެއީ އޭސީސީގެ މައްސަލައެއްކަމަށް ވަނީ ވިދާޅުވެފައެވެ.
އުޝާމް ވަނީ މައްސަލަ ހުށައަޅާފައި އޮތީ ކަންހިނގާދިޔަ ގޮތުގެ ބަދަލުގައި ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އަސްލު ކަން ހިނގާދިޔަ ގޮތް ބަލައި ތަހުގީގުކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

