ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް 4 ދަޢުވާއެއްކޮށްފިއެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އައްޑޫ ސިޓީގައި ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ އައްޑޫ ސިޓީ މީދޫ ޕްރިމްރޯސް މުޙައްމަދު ސިމްހާންގެ މައްޗަށް 4 ދަޢުވާއެއްކުރުމަށް ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި މުޙައްމަދު ސިމްހާންގެ މައްޗަށް ދަޢުލަތުންވަނީ ޤާނޫނުލް ޢުޤޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާކޮށްފައެވެ.
މީގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށް ވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާގެ އިތުުރުން ޖިންސީ ކުށުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް މުޙައްމަދު ސިމްހާންގެ މައްޗަށް އުފުލާފައިވެއެވެ.
އައްޑޫ ސިޓީގައި ޢުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީގޯނާކޮށްފައިވާކަމަށް މައްސަލަ ހުށަހެޅިފައިވަނީ ވޭތުވެދިޔަ މެއިމަހުގެ 28 ވަނަ ދުވަހުއެވެ.
މި ގޮތުން މި މައްސަލައިގެ ތަޙުޤީޤުކުރުމަށްޓަކައި 30 އަހަރުގެ މުޙައްމަދު ސިމްހާން ހައްޔަރުކޮށްފައިވަނީ މެއިމަހުގެ 29 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ކުރި ތަޙުޤީޤުގައި 65 އަހަރާއި 66 އަހަރުގެ އަންހެނަކަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ.

