ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރަށް ފުރިހަމަކޮށް ކުރެވިފައިވާ ކަމަށާއި ޝަރުއީ ދާއިރާ އާއި ޝަރުއީ ކޯޓުތަކާ ގުޅޭ ގޯސް ވާހަކަތައް މިހާރު އެއްގޮތަކަށް ވެސް ރައްޔިތުން ނުދައްކާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވވެފައިވާ ގޮތުގައި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެންމެ ބޮޑަށް ކުރި މަސައްކަތަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތެވެ.
އެގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރެއްވި ގޮތް ނަޝީދު ހާމަކުރެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރުމާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެސް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައެޅުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން ރަނގަޅަށް ހިންގަން ފެށި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލަން ފެށުން އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހުށަހެޅި ”އެޖެންޑާ 19“ މެނިފެސްޓޯގައިވާ ގާނޫނީ އޮނިގަނޑުތަކުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް ދެކެވުނީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި އިންސާފު ގާއިމު ކުރުމެވެ. މަޖިލީހަށް އަހަރެއް ވެގެން ދިޔައިރު ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރުން ފިޔަވައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިތުރު އެހެން އެއްވެސް މަސައްކަތެއް ކުރެވުނު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.
ހާއްސަކޮށް ޝަރުއީ ދާއިރާއާ ގުޅޭ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. ރައީސް ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވައިގެން ކުރިއަށްދާތީ މަޖިލީހަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާާޒުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ދެއްކި ”އެޖެންޑާ19“ ގައި ބުނެފައިވާ ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނެވޭނެއެވެ. ފަނޑިޔާރުންގެ ޒާތީ މަޞްލަޙަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނެއް ޤާއިމުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް އެޖެންޑާ19 ގައި ވަނީ ބުނެފައެވެ.
ހަގީގަތަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ޖޭއެސްސީއަށް ގެންނާނެ ކަމަށް އެމްޑީޕީން ބުނި އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުމާއި ބެހޭ ބިލެއް ވެސް މިހާތަނަށް މަޖިލީހަށް ފޮނުވާފައި ނެތުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ހެޔޮނިޔަތެއް އެމްޑީޕީއާއި ރައީސް ނަޝީދުގެ ވެސް ނެތް ކަމުގެ ހެއްކެކެވެ. ހަގީގަތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީން ވެސް އަދި ރައީސް ނަޝީދު ވެސް ކުޅުއްވީ މުޅިން އެހެން ކުޅިވަރެކެވެ. އެ ކުޅިވަރު ރައީސް ނަޝީދު ކާމިޔާބް ކުރެއްވީ އެމަނިކުފާން ވިދާޅުވާ ގޮތަށް ހަ ކުޅި ކުރިއަށް ކުޅުއްވައިގެންނެވެ. ތަފްސީލަށް ޖެހިލާނަމެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަޤާމަށް ރައީސް ނަޝީދު ވަޑައިގަތުމަށްފަހު، ފާއިތުވެދިޔަ ތަނުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި، ކުރައްވާ ޢަމަލުފުޅުތަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރުމަށް ބާރު އަޅުއްވައި، ޖުޑީޝަރީގެ މިނިވަންކަމާއި ކޯޓުތަކުގެ ޙުރުމަތަށް އަރައިގެންނެވުން ޢާއްމު ކަމަކަށް ހައްދަވައިފައެވެ.
ޤާނޫނުއަސާސީން އުފައްދައިފައިވާ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެއް ކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ، ދިވެހިރާއްޖޭގެ މިނިވަން އަދި މުސްތަޤިއްލު ފަނޑިޔާރުގޭގެ ފަނޑިޔާރުންނާ ބެހޭގޮތުން، ޤާނޫނުއަސާސީން ކަނޑައަޅާ ވަކި މަސްއޫލިއްޔަތުތަކެއް އަދާ ކުރުމުގެ މެންޑޭޓް ދެވިފައި ވާ މުއައްސަސާއެކެވެ. ނަމަވެސް، ރައީސް ނަޝީދުގެ ނުފޫޒުން، އެ ކޮމިޝަނުގެ މެންބަރުކަމަށް ވަނީ އެމްޑީޕީއަށް ނިސްބަތްވާ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި، އަދި ރައީސް ނަޝީދުގެ އަމިއްލަފުޅު ލޯޔަރުންގެ ގޮތުގައި ޙަރަކާތްތެރި ވެވަޑައިގަތް، އަދި ތަކުރާރުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުރުމަތްކަނޑަމުންދިޔަ ބޭފުޅުން ކަމުގައިވާ އިބްރާހީމް ރިފްޢަތާއި، މަސްތޫރު ޙުސްނީ އާއި، ޙިޞާން ޙުސައިން ފަދަ ބޭފުޅުން ގެންނަވައިފައެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބަށް ހުށައެޅި ”ޖަޒީރާ ރާއްޖެ ވަޢުދުނާމާ 2018“ ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކޮށް، އެއީ މުޅީން ޢާއްމު ރައްޔިތުންގެ ތެރެއިން ޢައްޔަން ކުރެވޭ މެންބަރުން ތިބޭ ކޮމިޝަނަކަށް ހަދާނެކަމުގެ ވަޢުދު ވެފައި، ވެރިކަން ލިބުމުން އެ ވަޢުދު އުވާލައި ރައީސް ނަޝީދުގެ ލޯޔަރުންނާއި ގާތް ބޭފުޅުން ކޮމިޝަނަށް އެކި ގޮތްގޮތުން ވައްދަވައިގެން، ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ކޯޓުތައް ނަޝީދުގެ މުށުތެރެޔަށް ގެންދަވާންކަން ވަރަށް ސާފު ވެއެވެ.
މި ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ މަޤްޞަދުތަކާއި މެންޑޭޓާ ޚިލާފަށް، ރައީސް ނަޝީދުގެ ބޭނުންފުޅުވާ މަގުސަދު ހާސިލްކުރާ ތަނަކަށް އެތަން ހެއްދެވުމަށް ފަހު، ނަޝީދު ވަނީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށާއި، ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންނަށް ބިރު ދައްކައި، ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި އެ ބޭފުޅުންނާ ޒާތީ ގޮތުން ދިމާ ކޮށް، އާޚިރުގައި ޤާނޫނުއަސާސީއާ ޚިލާފަށް އޭގެ ތެރެއިން ބައެއް ބޭފުޅުން ވަޒީފާއިން ވަކި ކުރުމުގެ ނަމުގައި، އެ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ދޮރު ބަންދު ކުރައްވައިފައެވެ.
މި ގޮތުން، ރައީސް ނަޝީދުގެ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހިންގި އެންމެ ބޮޑު އެއް ޖަރީމާޔަކީ، ސުޕްރީމް ކޯޓުން ބެލި މައްސަލަތަކެއްގައި ފަނޑިޔާރުން ވަކި ގޮތަކަށް ރައުޔު ގެންގުޅުއްވުން ނުވަތަ ވަކި ގޮތަކަށް ނިންމެވި ނިންމެވުން ނެންގެވުން، އެއީ އޭގެ ޒާތުގައި ސުލޫކީ މައްސަލަތަކެއް ކަމުގައި ހަދައިގެން، ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ޖެއްސުންކޮށް ބިރު ދައްކައި ބުލީ ކުރުމެވެ. މިފަދަ ދެވަނަ ޖަރީމާޔަކީ، ސުލޫކީ މައްސަލަ ސާބިތު ވީއޭ ބުނެ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ހުށައެޅުމެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މަޤާމު ހުސްވެފައި ނުވަނީސް، ރައީސް ނަޝީދުގެ ނުފޫޒުގައި، ނިންމި ނިންމުންތަކަކުން އެ ބޭފުޅުންގެ މަޤާމު ހުސް ވެއްޖެކަމަށް ކަނޑައެޅުމަށް ފަހު، ސުޕްރީމް ކޯޓަށް އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް ކުރުމުގެ ތާރީޚުތަކެއް އޮތް ބޭފުޅުން ވަނީ ޢައްޔަން ކުރައްވާފައެވެ. ހަމައެހެންމެ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ކޯޓް އެޑްމިނިސްޓްރޭޝަނުގެ ކަންކަން، ޝަރުޢީ ދާއިރާއިން ބޭރުކޮށް، ރައްޔިތުންގެ މަޖިލިހާއި ރައީސް ނަޝީދުގެ ނުފޫޒު އޮންނަ، ރައީސް ނަޝީދުގެ ލޯޔަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ތިބޭ ތަނެއް ކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ގެންގޮސް، މުޅި ޝަރުޢީ ދާއިރާގެ އަމިއްލަ އިދާރީ ނިޒާމުގެ ބާރުތައް ޝަރުޢީ ދާއިރާގެ ކިބައިން ޖަހައިގަނެ ޝަރުޢީ ދާއިރާގެ ނިޒާމު ގަޑުބަޑު ކޮށްލުމާއި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ތަމްރީނުގެ ކަންކަން ކުރުމަށް ޓަކައި ސުޕްރީމް ކޯޓުން އުފައްދައިފައި ހުރި މުއައްސަސާއެއް ކަމުގައިވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވެސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ގެންގޮސްފައެވެ. މިއީ ވެސް ރައީސް ނަޝީދުގެ ބާރުގެ ދަށަށް މުޅި ޖުޑީޝަރީ ގެންދިޔުމުގެ ގޮތުން، ރައީސް ނަޝީދުގެ އަމިއްލަ އެދުން އިސްކުރައްވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
މީގެއިތުރުން ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ތަކުރާރުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުރި މައްސަލަތަކުގެ ތަފްޞީލުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށް އެންގުމާއި، އަދި ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކުގެ ތަފްޞީލުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށް އަންގައި، ކްރިމިނަލް ކޯޓުން އެ ތަފްޞީލުތައް ފޮނުވުމުން، ކޯޓުގައި ޝަރީޢަތް ކުރުމުގެ ނިޒާމުގެ ތެރެޔަށް އަތް ބާނައި، ކޮމިޝަނަށް ފެންނަ ގޮތްގޮތަށް މައްސަލަތައް ތާވަލު ކުރުމަށާއި ހިންގުމަށް އަންގައި ނާޖާއިޒު ނުފޫޒުތައް ވެސް ފޯރުވާފައެވެ.
ޤާނޫނުއަސާސީގެ 5 ވަނަ މާއްދާޔާއި، 6 ވަނަ މާއްދާޔާއި، 7 ވަނަ މާއްދާއިން އެނގި ކަށަވަރު ވާފަދައިން، ދިވެހި ދައުލަތަކީ ބާރުތައް ވަކިވެފައިވާ ދައުލަތެކެވެ. ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި، 141 ވަނަ މާއްދާއިން އެނގޭ ފަދައިން، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ޤާނޫނުން އުފައްދާ ދަށުކޯޓަށެވެ. ނަމަވެސް ރައީސް ނަޝީދު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ، ކަންކަމުގެ ސަބަބުން، ވެއަތުވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީގެ ބާރު ވަނީ ކެނޑިފައެވެ.
ރައީސް ނަޝީދާއި އެމްޑީޕީގެ ތެރެއިން އޭނާގެ ރުހުން އޮތް ބަޔަކަށް މެނުވީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ލިބުމުގެ ހުރިހައި އުއްމީދެއް ވަނީ ގެއްލިގެން ގޮސްފައެވެ. ހަމަހަގީގަތުގައި ވެސް ރައީސް ނަޝީދުއަކީ ރާޒުވާ ކުޅުއްވަން މޮޅު ބޭފުޅެއްކަން ސާބިތުވެއްޖެއެވެ. ކުޅުއްވި ރާޒުވާ މެޗުން މޮޅުވެސް ވެއްޖެއެވެ. ވެރިކަމުގެ ތަޙުތުގައި ހުންނަވައިގެން ކާމިޔާބް ނުކުރެވުނު ރާޒުވާ މެޗް މަޖިލީޙުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކާމިޔާބް ކުރައްވައިފިއެވެ. އެކަމަކު އެއީ ހަމަ ބޮޑު ޖަރީމާއެކެވެ.


One Response
އަދިވެސް ޢެހެންދުވަހެއް ޢަންނާނެ ޢެދުވަހަކުން ޢަނެއްކާ ޥެސް ދިވެހިން ބޯކާލާނެ ކޮންމެވެސް ޢެޖެންޑާއެކޭ ކިޔާނެ ޢަދި ޢެވާހަކަ ބަޔަކު ގަބޫލުވެސް ކުރާނެ!