ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ފޮރުއްވަވާފައިވާކަމަށް ބުނާ، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭރުގެ އެސްޓީއޯގެ ޗެއާމަނގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ް އަބްދުﷲ ޔާމީން ހިންގިކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގައި އެބަހުރިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެސްޓީއޯ ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް ރައީސް ވަޙީދު ފޮރުއްވަވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައެވެ.
ނަމަވެސް ހޮނިހިރު ދުވަހުގެރޭ އޭސީސީން ވަނީ މި ކަމުގެ ޙަޤީޤަތް އަންގަވައިދެއްވާފައެވެ. މި ގޮތުން، ހޮނިހިރިދުވަހުގެރޭ އެ ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަދައުރުގެ 20 ވަނަ ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް މިހާރު ވެސް އެ ކޮމިޝަނުގައި ހުރިކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ މައްސަލައަކީ 2011 ވަނަ އަހަރުގެ މެއިމަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައެއް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ މެއިމަހުގެ 08 ވަނަ ދުވަހުގައި، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
އެހެންނަމަވެސް އެ މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަމަށް ވެސް އޭސީސީ އިން ބުނެއެވެ.

