ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން އެކި ކަންކަމަށް ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށް ކޮށްފައިވާ ހޭދަތަކުގެ ތަފާސް ހިސާބުގައި ވާގޮތުން އަމިއްލަ ޚަރަދުގައި ބޭރަށް ދިޔަ މީހުންނަށް 892،887.39 (އަށްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ އަށްޑިހަ ހަތްރުފިޔާ ތިރީސް ނުވަލާރި) ރުފިޔާ ހޭދަކޮށްފައިވާއިރު، އެންސްޕާގެ ޚަރަދުގައި ބޭރަށްދިޔަ މީހުންނަށް، 298،562.04 (ދެލައްކަ ނުވަދިހަ އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ހަތަރު ލާރި) ރުފިޔާ ހޭދަކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ކާބޯތަކެއްޗަށް 1،902،851.20 (އެއްމިލިއަން ނުވަސަތޭކަ ދެހާސް އަށްސަތޭކަ ފަންސާސްއެއް ރުފިޔާ ވިހިލާރި) ހޭދަކޮށްފައިވާކަމަށާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް 96،000 (ނުވަދިހަ ހަހާސް) ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.
ޖެންޑަރ މިނިސްޓްރީ ހާމަކުރި ގޮތުގައި، ކާބޯތަކެތީގެ 553 ކެއާރ ޕެކާއި، ވަކިވަކި ޢާއިލާތަކަށް 273 ކެއާރ ޕެކްގެ އިތުރުން، ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކަށާއި، ލޮކްޑައުންގައި ތިބި ފަރާތްތަކަށް 50،314 (ފަންސާސްހާސް ތިންސަތޭކަ ސާދަ) މީލްސް ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި 589،495.27 (ފަސްލައްކަ އައްޑިހަނުވަހާސް ހަތަރު ސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތާވީސް ލާރި) ރުފިޔާ ހޭދަކޮށްފައިވާކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ، 397 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ކުލި ނުދެއްކިގެން ހުށަހެޅުނު 252 މައްސަލައާއި ގުޅިގެން 112 މީހަކަށް ވެސް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ހާމަކުރިގޮތުގައި ޚަރަދުކުރެވުނު ފައިސާގެތެރެއިން، 1 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސުންކަމަށެވެ. އަދި ޒަކާތު ފަންޑުން 1 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށާއި، ޔުނިސެފުން 360،000 (ތިންލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއާއި، އިތުރުން ބަނޑޭރި ޕޭ އިން 187،150 (އެއްލައްކަ އައްޑިހަ ހަތްހާސް ސަތޭކަ ފަންސާސް) ރުފިޔާއާއި، ކެނެޑާ ފަންޑުން 1.5 މިލިއަން ރުފިޔާ ހަމޖެހުނުކަމަށެވެ.

