ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާލީ ހާލަތު ހުރިގޮތުން ކަރަންޓްބިލްތައް ދެއްކެވުމަށް ދަތިވެފައިވާ ފަރާތްތަކުން، ބަހާލައިގެން ބިލްތައް ދެއްކުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މާރިޗު، އެޕްރީލް، މެއި އަދި ޖޫން މަހުގެ ބިލްތައް މާލީ ހާލަތު ހުރިގޮތުން ދެއްކެވުމަށް ދަތިވެފައިވާ ފަރާތްތަކުން، ބަހާލައިގެން ބިލްތައް ދެއްކުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓްބިލްތައް ބަހާލައިގެން ދެއްކުމަށް އެދޭ ފޯމް ސްޓެލްކޯގެ ވެބްސައިޓުންނާއި ސްޓެލްކޯގެ ކައުންޓަރުން ލިބޭނެ ކަމަށެވެ.
ކަރަންޓްބިލްތައް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލިއިރު ކަރަންޓު ބިލަށް އާއްމުންގެ ފަރާތުން އައި ކަންބޮޑުވުންތައް ހައްލު ކުރުމަށް، ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާ ބިލްތައް ރއަލުން ރިވައިޒް ކުރުމަށް ނިންމާފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ބިލްތަކަށް އައި ބަދަލުތަކާއި ގުޅިގެން، އާއްމުންގެ ކަންބޮޑުވުންތައް އަންނަން ފެށުމާއި އެކު ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ. ސްޓެލްކޯގައި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ނިންމާފައިވަނީ ބިލްތައް އިތުރަށް ރިވައިޒް ކުރުމަށް ކަމަށެވެ. މިއީ ތާރީހުގައި ވެސް އަލަށް ހެދި އެވްރެޖު ބިލްތަކެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، ކަރަންޓު މީޓަރުގެ ފޮޓޯ ފޮނުވާފައިވަނީ މަދު ކަސްޓަމަރެއް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ދިމާވި ދަތިތަކަށް ހައްލެއް ގެނައުމަށް، ބިލްތައް ދެއްކުމުގައި ލުއިތަކެއް ގެނެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
40 އިންސައްތަ ޑިސްކައުންޓަކަށްފަހު މި މަހުގެ ބިލަކީ އެއީ ޑިސްކައުންޓު ނުހިމަނާ ފޮނުވި ފުރަތަމަ ބިލްކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް މިހާރު އައި ކަންބޮޑުވުންތަކާއި އެކު ވެސް އެއްވެސް ބިލްއެއްގެ ޕެންޑިންއެއް ވާނަމަ ސްޓެލްކޯއަށް އެކަން ހުށަހެޅުމުން ބަހާލައިގެން ބިލް ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން، އެ ލުއި ބޭނުންވާ ފަރާތްތަކުން ސްޓެލްކޯއިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމުން ލުއިތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

