ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްޙާ ޢަލީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްޙާ ޢަލީ، 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައިވަނީ، އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުންދާތީކަމަށެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްޙާ ޢަލީގެ މައްޗަށް ހަތަރު މައްސަލައެއްގެ ތަޙުޤީޤުކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވަނީ، މި ހުސްވި ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.
މި ގޮތުން ޖޭއެސްސީން ވަނީ، މެޖިސްޓްރޭޓް އަލްއުސްތާޒާ މުލްޙާ ޢަލީ، ކޯޓުގައި ހިނގާ އެކި ޝަރީޢަތްތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވަވަން ނުޖެހޭ ގުޅުންތައް ބާއްވަވާކަމުގެ ތުހުމަތުކުރެވޭކަމަށާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު މުއްދަތު ޖަހާފައިވަނިކޮށް ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމެވި މައްސަލައެއް ތަޙުޤީޤުކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. އޭގެ އިތުރުން މެޖިސްޓްރޭޓް މުލްޙާ ޢަލީ ޢާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާކަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ އިދާރާއިން ހިންގި ތަޙުޤީޤަކަށް ހުރަސްއަޅުއްވައި ހެކި ނައްތާލައްވަން މަސައްކަތްކުރައްވައި، ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެންނުވާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓެވި މައްސަލައެއް ހިމެނޭކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
މި ގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މެޖިސްޓްރޭޓް މުލްޙާ ޢަލީ ސަސްޕެންޑްކުރީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތކުގެ ބާވަތަށާއި، އެ މައްސަލަތަކާއި ގުޅޭގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އެ މައްސަލަތައް ތަޙުޤީޤުކުރާއިރު، މެޖިސްޓްރޭޓްގެ މަސައްކަތްތަކުގައި މުލްޙާ ޢަލީ ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް ހުރަސްއެޅިދާނެތީއާއި، ޝަރުޢީދާއިރާގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށެވެ.
މި ގޮތުން ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން 60 ދުވަހުގެ މުއްދަތަށް މެޖިސްޓްރޭޓުކަމުގެ މަސައްކަތްތަކުން ދުރުކޮށްފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން މެޖިސްޓްރޭޓް މުލްޙާ ޢަލީ ސަސްޕެންޑްކޮށްފައިވާއިރު، އެ ކޮމިޝަނުންދަނީ ފަނޑީޔާރުންގެ ސުލޫކީ މައްސަލަތައް ތަޙުޤީޤުކޮށް، ފިޔަވަޅެއް އަޅަންޖެހިއްޖެނަމަވެސް އެ ފިޔަވަޅެއް އަޅަމުންނެވެ. މި ގޮތުން ޖޭއެސްސީން މިހާރު ތަޙުޤީޤު ކުރިއަށް ގެންދާ މައްސަލަތަކުގެތެރޭގައި، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުޙައްމަދު އިބްރާހިމް، ޢާއިލީ ގުޅުން އޮންނަ ފަރާތެއް، ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް، ހަމަޖެއްސެވުމުގައި އިޙުމާލުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހިމެނެއެވެ.
އޭގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު ޢަބްދުﷲ ޢަލީގެ މައްޗަށް ވަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ދަޢުވާކުރާ ފަރާތުގެ ބަދަލުގައި، ކޯޓަށް ހާޒިރުވުމަށް ޢައްޔަންކުރެވިފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާޠިލްކުރެއްވިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤުކުރަން ނިންމާފައެވެ. އަދި ހަމައެއާއެކު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދުގެ މައްޗަށް ވަނީ، ބަންދުގައި ބެހެއްޓުމާއިމެދު މީހަކަށް ގޮތް ނިންމެވިއިރު، ޙަޤީޤަތާއި ޚިލާފަށް، ޒިންމާދާރުކުޑަ ގޮތެއްގައި ލިބިފައިވާ މަޢުލޫމާތު އޮޅޭގޮތަށް ޢަމަލުކުރެއްވިކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ތަޙުޤީޤުކުރަން ވެސް ނިންމާފައެވެ.

