މިނިސްޓަރު ކަމުގައި ހުންނަވައިގެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދުގެ މޯބައިލް ފޯނާއި، ލެޕްޓޮޕް އަދި އެ ނޫންވެސް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން، އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ބަލާ ފާސްކޮށްފައެވެ.
ޖެންޑާރ މިނިސްޓްރީއަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް މުވައްޒަފުން ވަނީ އަލީ ވަހީދުގެ ފަރާތުން ކުރިމަތިވީ ފުރައްސާރަތައް ހުށަހަޅުއްވާފައެވެ. އަދި ރައީސް ވަނީ އެ އަޑުތައް އައްސަވާ އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް އެންގެވިގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، އޭގެ ޖެހިގެން އައި ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް 12 ކުއްޖަކު މައްސަލަ ހުށަހެޅިކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ކޮވިޑާއި ގުޅިގެން ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، މަގުތަކަށް ހުއްދައެއް ނެތި ނިކުތުން މަނާކުރިއިރު މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ މާގިރީ ހޮޓެލްގައި ލޮކްޑައުން ވެގެންނެވެ.
މިއީ ވަޒީރެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރެވުނު ފުރަތަމަ ފަހަރެވެ. ސޯޝަލް މީޑިއާގައި އާއި، ވޮއިސް އޮފް މޯލްޑިވްސް އިން އިންތިޒާމުގެކޮށްގެން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުން ވެސް ދަނީ އަލީ ވަހީދު ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް ގޮވާލަމުންނެވެ. އަދި މިނިސްޓްރީގެ އިތުރު ބައެއްގެ ބައިވެރިވުން އޮތް ތޯ ބެލުމަށް ވެސް ގިނަ މީހުން ދަނީ ގޮވާލަމުންނެވެ.

