ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިންސްޕެކްޝަން: އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ހުރީ މަދުތަނެއް، ގިނަ ތަންތަނުގައި ސާފުތާހިރުކަމެއްނެތް: ޝަމާއު

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ހެދިފައިވާ ގައިޑްލައިންއާއި އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް ކުރިއަށް ގެންދެވުނު އިންސްޕެކްޝަންގައި، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ހުރީ ހާހެއްހައި ތަންކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

މި އިންސްޕެކްޝަނަކީ، އެޗްޕީއޭއާއި، މާލޭސިޓީ ކައުންސިލާއި، އެމްއެފްޑީއޭއާއި، އިކޮނޮމިކް މިންސްޓްރީއާއި، ވެމްކޯއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއާރްސީގެ އިތުރުން، އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ. މި އިންސްޕެކްޝަންގައި 44 އިންސްޕެކްޓަރުން ބައިވެރިވެފައިވެއެވެ.

ޖުލައި މަހުގެ 12 ވަނަދުވަހުގައި ކުރިއަށް ގެންދެވުނު މި އިންސްޕެކްޝަންގެ މަޢުލޫމާތުދެއްވަމުން، އަންގާރަދުވަހުގެރޭ އެޗްއިއޯސޯން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވިދާޅުވީ، ޖުލައި 12 ވަނަ ދުވަހުން ފެށިގެން 03 ދުވަސްތެރޭގައި ޖުމްލަ 1،475 ތަނެއް ބަލާފައިވާކަމަށެވެ. މި ގޮތުން، މާލެއާއި، ވިލިމާލެއާއި، ހުޅުމާލެ އަދި ތިލަފުށިން ބެލި ތަންތަނުގެތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ސެލޫންތަކާއި، ޖިމްތަކާއި މާރުކޭޓްތައް ހިމެނެއެވެ. މި ތަންތަން ބެލިބެލުމުން ގިނަ ތަންތަނުގެ ހާލަތު ގޯސްކަމަށް ފާހަގަކުރެއްވިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ. އޭގެތެރެއިން ވެސް ޚާއްސަ ގޮތެއްގައި މާރުކޭޓްތަކުގެ ސާފުތާހިރުކަން ވަރަށް ކުޑަކަމަށް ފާހަގަކުރެއްވިފައިވާކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

”އެނގިވަޑައިގަންނަވާނެ ޖުލައިމަހުގެ 12 ވަނަ ދުވަހު މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދެވުނު، މި އިންސްޕެކްޝަނަކީ އެޗްޕީއޭއާއި އަދި އެހެން އިދާރާތަކެއް ގުޅިގެން ހިންގުނު އިންސްޕެކްޝަނެއް. ދެން މީގެ ބައިވެރިވެފައި މިވަނީ 44 އިންސްޕެކްޓަރުން. 03 ދުވަސް މަތިން އަޅުގަނޑުމެންނަށް ޖުމްލަ 1475 ތަނެއް މިވަނީ ބެލިފަ. ދެެން ބެލިއިރުގަ މައިގަނޑު ގޮތެއްގަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، އެއްވަނަ ކެޓަގަރީ ނޫނީ ހުރިހާކަމެއް ފުރިހަމަވެފައި މިވަނީ ހާހެއްހައިތަން. ދެން މެދުމިންގަނޑެއްގައި ގިނަތަންތަން ހުރިކަމުގައިވިޔަސް، ހާލަތު ވަރަށް ގޯސްކޮށް ގިނަތަންތަން ހުރިކަމަށް ފާހަގަކުރެވޭ. ދެން މީގެތެރޭގަ ހަމަ ބެލުނު ތަންތަނުގެތެރޭގަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި ބޯކޮށާ ތަންތަނާއި، ސެލޫންތަކާއި އަދި އޭގެ އިތުރުން މިފަހަރު ވަރަށް ބޮޑަށް ފާހަގަކުރެވުނު ރަށުތެރޭގަ މާރުކޭޓުގެގޮތުގަ ހެދިފަހުރި ތަންތަން. ޚާއްސަކޮށް މި ތަންތަނުގަ ސާފުތާހިރުކަން ވަރަށްކުޑަކަން ފާހަގަކުރެވުނު. ދެން މި އިންސްޕެކްޝަންގަ އަޅުގަނޑުމެންނަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށި ތިންތަނުން ބާކީ ވަރަށް މަދު ޢަދަދެއް މިހުރީ“ ޝަމާއު

ސަމާއު ވިދާޅުވީ ދިވެހިން ތިބޭ ތަންތަނުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް، ޖުމްލަގޮތެއްގައި ކަންކަން ރަނގަޅަށް ހުރިކަމަށް ފާހަގަކުރެއްވޭކަމަށެވެ. ނަމަވެސް ބިދޭސީ ތިބޭ އެފަދަ ތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، އެންމެ އެދެވޭގޮތަށް ފިޔަވަޅު އަޅާފައި ނެތްކަން ވެސް ފާހަގަކުރެއްވޭކަމަށާއި، އެފަދަ ތަންތަނުގައި ގައިދުރުކަމާއި، މާސްކުއެޅުންފަދަ ކަންކަން ވެސް ވަރަށްދަށްކޮށް ހުރިކަމަށް ފާހަގަކުރެއްވޭކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ، ކޮވިޑް-19 އިގެ ގައިޑްލައިނުގައިވާ ކަންކަމަށް، ގިނަ ފިހާރަތަކުގައި ތިބޭ، ގިނަ މުވައްޒަފުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމަށް ފާހަގަކުރެއްވުނުކަމަށެވެ.

”ކުރިއަށް މި އޮތް ދެދުވަހެއްގެތެރޭގަ ހަމަ އަޅުގަނޑުމެންނަށް ނިންމާލެވިދާނެކަމަށް މި ޤަބޫލުކުރަނީ. އެހެންވީމަ ޖުމްލަ ގޮތެއްގަ މި ފާހަގަކުރެވުނީ، ދިވެހިން ތިބޭ ތަންތަނުގަ ވަރަށް ބޮޑަށް މި ކަންކަން ރަނގަޅަށް ހުރިކަން. އެހެންނަމަވެސް ބޭރުމީހުން ބިދޭސީން މަސައްކަތްކުރާ ތަންތަނުގަ އެންމެ ރަނގަޅަށް ނެތްކަން ފާހަގަކުރެވޭ. ދެން މީގަ ހަމަ އެންމެ އާދައިގެކޮށް އެ ފާހަގަކުރައްވާ ކަންކަން ގައިދުރުކަމާއި، މާސްކު އެޅުމާއި މި ކަންކަން ވެސް ވަރަށްދަށްކޮށް ހުރިކަން ފާހަގަކުރެވޭ. އަދި ހަމަ ޖުމްލަ ގޮތެއްގަ މިހިންގުނު އިންސްޕެކްޝަނުން ފާހަގަވި އެއްކަމަކީ، ގިނަ ފިހާރަތަކުގަ ތިބި ވަރަށް ގިނަ މުވައްޒަފުންނަށް އެހާބޮޑަށް މިކަމަށް ހޭލުންތެރިވެފަ ނެތްކަން. ކޮވިޑާބެހޭ ބައެއް ސުވާލުތައް އެ ފަރާތްތަކާ ހަމަ ކުރެވުމުން އެހާ ރަނގަޅަށް ޖަވާބުދޭން ނޭނގޭކަން ފާހަގަކުރެވުނު. އެހެންވީމަ ވިޔަފާރިކުރާ ބޭފުޅުން ވެސް، އެ ޚިދުމަތްދޭ ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް، ކުރިއަށް އޮތް ތަނުގަ ވަރަށް ކޮންމެރެއަކު ކަހަލަގޮތަކަށް ކޮވިޑާ ގުޅުންހުރި މަޢުލޫމާތުތައް އެބަދޭ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަންކަން އެބަ ކިޔައިދެއްވާ ކަންކަން ވެސް މުވައްޒަފުންނަށް އަންގަދީ، އެންމެ ރަނގަޅަށް ގިނަ ރައްޔިތުންނަށް ޚިދުމަތްހޯދަންދާ ތަންތަންކަމަށްވާތީ، އެ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ ވެސް، ވިޔަފާރިކުރާ ފަރާތްތަކުން އެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ބެހެއްޓެވުން އެއީ ވަރަށް އަޅުގަނޑުމެން އެދޭކަމެއް.“ ޝަމާއު

ޝަމާއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، މިފަދަ އިތުރު އިންސްޕެކްޝަންތަކެއް ކުރިއަށްދާނެއެވެ. އެއީ އިދާރާތަކުން ރޫޓިންކޮށް ކުރިއަށްގެންދާ އިންސްޕެކްޝަންތަކެއްކަމަށާއި، ސިޓީ ކައުންސިލުންނާއި، އެޗްޕީއޭއިންނާއި، އެހެން އިދާރާތަކުން ޢާންމުކޮށް ވެސް ހަމަ ކުރާ އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެކަމަށް ވެސް ޝަމައު ވިދާޅުވިއެވެ. ޝަމާއު ވަނީ، އެންމެ ރަނގަޅުކަމަށް ފާހަގަކުރެއްވުނީ ހާހެއްހައިތަން ކަމަށް ވިދާޅުވެ، ބާކީ ހުރި ތަންތަން ވެސް، އެ ތަންތަނާއި އަރައި ހަމަކޮށް، ކަންކަން ރަނގަޅުކުރަން އެދިވަޑައިގެންފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، އެންމެނަށް ވެސް، އެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް ވެސް ޝަމާއު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: