މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކު ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަނީ، މާލެއިން ފުރައިގެން އދ.މަންދުއަށް ދަތުރުކުރި ”ރަންތަރި“ ދޯނީގައި ހުރި މަނަދޫ/ރަތްވިލާގޭ، ޢުމުރުން 27 އަހަރުގެ ޢަލީ ޝާހުކަމަށެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފަށް ހުށަހަޅާފައިވަނީ، ބުރާސްފަތި ދުވަހުގެރޭ މެންދަމު 02:10 ހާއިރުކަމަށާއި، އޭނާ ގެއްލިގެން އުޅޭކަން ހާމަވީ މަންދޫ ފަޅަށް ދޯނި ވަންފަހުންކަމަށް، އެ ދޯނީގެ ކައްޕި މަޢުލޫމާތުދޭކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭނާއަކީ ހޯމް ކަރަންޓީނުވުމަށްދިޔަ މީހެއްކަމަށް ދޯނިން މަޢޫލޫމާތުދީފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މި ގޮތުން އޭނާ ހޯދުމަށް ކޯސްޓުގާރޑްގެ ޑައިވަރުން ޑައިވްކުރަމުން އަންނަކަމަށާއި، ކޯސްޓުގާރޑްގެ ”ކާނި ލޯންޗު“ އަންނަނީ ކަނޑުގެ ސަރފޭސް ބަލަމުންކަމަށް ވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.

