ކޮންމެ އަންހެނަކީވެސް ކޮންމެވެސް މީހެއްގެ މަންމައެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. އެފަދަ ފަރާތެއްދެކެ އެއަންހެނެއްގެ ލެއިން ގުޅިފައިވާ ކޮންމެ މީހަކުވެސް އިންތިހާއަށް ލޯބިވާނެއެވެ. އަޅާލާނެއެވެ. ހަމައެގޮތަށް ކޮންމެ އަނިޔާއަކީ ތަދު އިޙްސާސް ވާނެކަމެކެވެ. ނާޒުކު ގުނަވަންތަކަށްދޭ އަނިޔާގެ ވޭނާއި އިޙްސާސް ބޮޑުވެގެންދާނެއެވެ. ހަމަމިމޭރުމުގައި އިންސާނީ ގޮތުން ލިބިދޭ އަނިޔާއަކީވެސް ތަދު ފިލައިގެންނުދާނެފަދަ ބޮޑު އަނިޔާއެއްކަން ގަބޫލު ކުރަން ގަބޫލުކުރަން ޖެހޭނެއެވެ.
މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ފަސްގަނޑުގައި އަޅުގަނޑުމެންގެ މަންމައިންނާއި ދައްތައިންނާއި ކޮއްކޮއިންގެ ޢިތްފަތްތެރިކަން ފޭރޭ ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ. އަވައްޓެރި އިންޑިއާގައި ދެމެމުންދާ މިނުބައި އޮއިވަރު ދިވެހި ކަނޑުގައިވެސް ދެމެމުންދާ ވާހަކައެވެ. ޖިންސީ ޝިކާރަތަކުގައި ހައްޔަރުވެ އަންހެންކުދިންގެ މުޅި ދިރިއުޅުން ބަރުބާދުވާ ވާހަކައެވެ. ޝަހުވާނީ ނުލަފާ މީހުންގެ ވަކިތަކުން އެކުދިންގެ ނާޒުކު ހަށިގަނޑުތައް ޒަޚަމްވާ ވާހަކައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މިއަދު މުޅި ރާއްޖެ ގަބޫލުކުރާ ހަގީގަތަކީ އަންހެންކުދިން އަދި ފިރިހެން ކުދިންނަށްވެސް މިދެންނެވި ނުބައި ނުލަފާ މީހުންގެ އުނދަގޫ ފޯރާ ކަމަށެވެ. ގިނަފަހަރަށް މިފަދަ ގޯނާތައް ޢާންމުކޮށް ކުރަން ފަށަނީ ގެއަށް ވަދެ ހަދާ މީހުންނެވެ. ތަފާތު ކުދިކުދި ހަދިޔާތައްދީ ހަދައިގެންނެވެ. ނުވަތަ ކުދިންނަށް ބިރު ދައްކައިގެންނެވެ. އަތްލަން ނުވާ ގުނަވަން ތަކުގައި އަތްލުމަށް ދަރިފުޅު ކިތަންމެ ކުޑަކަމުގައިވިޔަސް މައިންބަފައިން ރުހިގެންނުވާނެއެވެ. އަދި ދަރިން ބޮޑެތިވަމުން އަންނައިރު އަތްލައިގެން ނުވާނެ ތަންތަން ކިޔައިދެންޖެހެއެވެ. އަދި މީހަކު އަތްލައިފިނަމަ އެވާހަކަ މަންމަ ގާތުގައި ނުވަތަ ބައްޕަ ގާތުގައި ބުނުމަށް ދަރިފުޅަށް ހިތްވަރުދޭންވާނެއެވެ. އަދި ކުއްޖަކު އެފަދަ ވާހަކައެއް ބުނެފިނަމަ އެވާހަކައެއް ސީރިއަސް ގޮތެއްގައި ބަލައިގަންނަންވާނެއެވެ. ގިނަފަހަރަށް ގެއަށް ވަދެ އުޅޭ ޒަމާންވީ އެކުވެރިއެއްވީމަ ނުވަތަ ދުރުތާ ތިމާގެ މީހެއް ވީމާ ދަރިފުޅު އެކުރާ ޝަކުވާތަކަށް ބީރު ކަންފަތެއް ދީގެން ނުވާނެއެވެ. އަދި މީހުން ކުރާ މިފަދަ ކަންކަން މެއްސެއް ފޮޅާލުން ފަދަ ކަމަކަށްވެސް ހަދައިގެންނުވާނެއެވެ.
ދިވެހިރާއްޖޭގައި ޖިންސީގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުން ހައްދަފަހަނައަޅާފައިވާއިރު މި ނުބައި އަމަލު ހިންގާ މީޙުންގެ ކިބައިން އަނިޔާ ލިބެމުންދާ މީހުން ސަލާމަތް ކުރުމަށްޓަކައި ގާނޫނީ ހޭލުންތެރިކަން އިތުރު ކުރުމަކީ މިއަދު ކޮންމެހެން ކުރާން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެން ކަމުން އަޅުގަނޑުގެ މިހާލުގައި މި ބަލާލަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި އެކަށައަޅާފައިވާ ގާނޫނީ ނިޒާމުގެ މައްޗަށެވެ.
ވަޒީފާ އަދާކުރާ ތަންތަނާއި ތައުލީމު ދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާއީ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ގާނޫނެއް 2014 ވަނަ އަޖަރު ވަނީ ވުޖޫދުކޮށްފައެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ މީހެއްގެ ނުގަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމަށެވެ. ހަމައެހެންމެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ އަމަލު ހިންގާ މީހާ ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން، ނުވަތަ ކުރާ އިށާރާތަކުން ނުވަތަ ކުރާ ހަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް އަމަލެއްގެ ސަބަބުން އެ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަކީ ވެސް ޖިންސީގޯނާ ނުވަތަ ޖިންސީ ފުރައްސާރައިގެ އަމަލެކެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގައިފި ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު ކަމުގައި ވާނީ، އެ އަމަލު ހިންގުމުގައި ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިއާޔަތްކުރުމާއެކު، އެ އަމަލުގެ ސަބަބުން، އެ އަމަލު ރައްދުވާ ފަރާތަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ހިނގައިދާނެ ކަމަށް މުޖުތަމައުގައި އުޅޭ ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލުކުރެވޭ މިންގަނޑެވެ.
ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ޖިންސީގޯނާ ކުރުމާއި ފުރައްސާރަ ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަދި ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން އެ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށާއި އެ ތަނަށް ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ. ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ށަކުވާއެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ފޯމާއި، ށަކުވާ ހުށަހަޅަންވީ އުސޫލު އަދި އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް އާންމުކޮށް އެނގެން ހުންނާނެ ފަދަ އިންތިޒާމެއް ވަޒީފާ އަދާކުރާ ތަންތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ވަޒީފާ އަދާކުރާ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށް ސާފުކޮށް ކިޔައިދޭންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތުގައި މަރުކަޒެއްގެ ވެރިޔަކު ނުވަތަ އެ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކުން، އެ މަރުކަޒަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ. ނުވަތަ އެ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒެއްނަމަ އެ ތަނުގައި ބަލަހައްޓަމުންދާ ކުޑަކުދިން ނުވަތަ މީހުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްގެން ނުވާނެއެވެ. އަދި ހަމައެހެންމެ އެ މަރުކަޒަކަށް ހިދުމަތް ހޯދަން އަންނަ ފަރާތަކުން އެ މަރުކަޒުގައި ހިދުމަތް ފޯރުކޮށްދޭން ހުންނަ ފަރާތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ.
ކޮންމެއަކަސް މިހިއްސާ ކޮށްލީ ރާއްޖޭގައި ޖިންސީގޯނާ ކުރުމާއި ފުރައްސާރަކުރުން ހުއްޓވުމުގެ ގާނޫނުން ކުޑަމިންވަރެކެވެ. ހިތާމާއާއިއެކު ދަންނަވަން ޖެހޭނީ މިއިން އެއްވެސް ކަމެއް ތަންފީޒް ކުރެވެމުން ނުދާ ވާހަކައެވެ. އޭގެ ހިތި ނަތީޖާ މިއަދު އަޅުގަނޑުމެން މިދަނީ ދެކެމުންނެވެ.

