ބ.ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން 43 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، ނެރު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މީގެ އިތުރުން، ހާބަރ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީގެ ޓްވީޓްގައި ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން، އެމްޓީސީސީއާއި ހަވާލުކޮސްފައިވާ މި މަޝްރޫޢުއަށް، 49.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޓީސީން ބުނެއެވެ.
ފެހެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން، ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައްހެދުމުގެ މަޝްރޫޢުއާއި، ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫޢުއަކީ ވެސް ފާހަގަކޮށްލެވޭ ފަދަ ބިޔަ މަޝްރޫޢުތަކެވެ.
މީގެ އިތުރުން، މާފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 66 އިންސައްތަ މަސައްކަތް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑެތި ގާތައް ޕްރޮޖެކް ސައިޓަށް ގެންގޮސްފައިކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 79 އިންސައްތަ މިހާރު ވަނީ ނިންމާފައެވެ. އެމްޓީސީސީން ހާމަކުރިގޮތުގައި މިމަޝްރޫޢުގެ ދަށުން، ކުރިން ކަނޑާފައިވާ ނެރު ބަންދު ކުރުމުގެ މަސައްކަތާއި، އާ ނެރެއް ކެނޑުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

