ކޮރަޕްޝަނަށް މިސަރުކާރުން ދޭނީ ”ޒީރޯ ޓޮލެރެންސް“ ކަމަށް ކިޔާތީ އިވުނެވެ. ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ނަމުގައި “ސޭ ނޯ ޓު ކޮރަޕްޝަން” ގެ ނަމުގައި ލަވައެއް ނެރެގެން ފުއްދާލެވޭކަށްވެސް ނެތެވެ. ރޯމާ ދުވާލު ދައުލަތުގެ ބައިތުލް މާލަށް ވަމުންދާ ގޮތެއްވެސް ބަލަންޖެހެއެވެ. އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ނަޒާހަތްތެރިކަން ޔަގީން ކުރުމާއެކު، ކޮމިޝަނަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާހައުލެއް ގާއިމް ކުރަންޖެހެއެވެ. އެހެންނޫންނަމަ ދައުލަތުގެ ތިޖޫރީން ވައްކަންކުރުން ހުއްޓުވުމަކީ ވާނެ ކަމެއް ނޫނެވެ.
ކޮރަޕްޝަނުގެ އަސަރެއް ނެތީ މިވެނި ދިމާލެއްގައޭ ބުނެވޭކަށް ނެތެވެ. އެކަމަކު އޭގެ ތެރެއިންވެސް ސިއްޙީ ދާއިރާ މިފެންނަނީ މާކުރީ ސަފެއްގައި އުޅޭތަނެވެ. މިހާރު ކޮންމެކަމެއް ދިމާވިޔަސް އެކަމެއް މަތިކުރަނީ ކޮވިޑާއެވެ. އެކަމަކު ކޮވިޑާއި ގުޅިގެން ރާއްޖެ ގެންނަން އުޅޭ ވެންޓިލޭޓަރުތައް އަދިވެސް އަންނަ ގޮތެއް ނުވެއެވެ. މިހާރު ބޯޑަރުވެސް އެވަނީ ހުޅުވާފައެވެ. ގެނެވޭނެ މަގުތައް އެބައޮތެވެ. އެންމެ ނުރައްކާތެރި ފައްތަރުގައިވެސް 200 ވެންޓިލޭޓަރު ހުންނާނެ ކަމަށްބުނެ ކުރިކަމެއް ނެތެވެ. ސަރުކާރުން ވެންޓިލޭޓަރުތައް ގެންނަން ތިން ކުންފުންޏަކާއި ހަވާލުކުރިއެވެ. އެއީ ނާޑު އަދި މެޑިޓެކް ކިޔާ ކުންފުންޏަކާއި އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން ނަމަކިޔާ ބޭރު ކުންފުންޏެކެވެ. މީގެ ތެރެއިން އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް ޖުމްލަ 34,502,250 ރުފިޔާ ފައިސާ އެޑްވާންސަށްވެސް ދޫކޮށްފައިވެއެވެ.
ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ގެނެވުނީ މެޑިޓެކާއި ޙަވާލުކުރި ބައެއް ވެންޓިލޭޓަރެވެ. ނާޑުކުންފުންޏާއި ހަވާލު ކުރެވުނު 6 ޕޯޓަބަލް ވެންޓިލޭޓަރެއް ގެނެވުނު ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ނަމަވެސް އެވާހަކަވެސް ދެކެވުނީ އެކި ފަހަރު އެކި ގޮތަށެވެ. އެއް ފަހަރު ހަޔެކޭ ބުނެފި ނަމަ އަނެއް ފަހަރު ބުނަނީ ހަތަރެއް ކަމަށެވެ. އަދި ގެނައި ވެންޓިލޭޓަރުތަކަކީ ބޭނުންކޮށްފައި ހުރި އެއްޗެހިތަކެއް ކަމަށްބުނެ ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބެއް ލިބިފައެއް ނެތެވެ. މިކަންކަމުގައި ހެލްތު މިނިސްޓަރާއި ފިނޭންސް މިނިސްޓަރަށް އެތައް ބަޔަކު ތުހުމަތުގެ އިނގިލި ދިއްކޮށްފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް ބެލިފައެއް ނުވެއެވެ.
ސަރުކާރުން ކަންކަން ކުރަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ސުވާލު އުފައްދަވާފައިވެއެވެ. ބިޑް ކުރުމެއްނެތި ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ކަންކަން ކުރަމުންދާ ކަމަށް އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް މީގެން އެއްވެސް ކަމެއް ބަލާނެ ފަރާތެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅިޔަސް އޭސީސީއަށް ހުށަހެޅިޔަސް ކޮންމެވެސް ބަޔެއްގެ ނުފޫޒް އެ މައްސަލައެއް އޮންނާނީ ޒާތަކަށް ޕާކުކޮށްފައެވެ.
މިވަރުންވެސް އަދި ނިމުނީއެއް ނޫނެވެ. އިތުރުކަމެއްވެސް ހަނދާން އާކޮށްލަންޖެހެއެވެ. ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް 25 މިލިއަން ރުފިޔާ އަގު ބޮޑުކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ފަރުނީޗަރު ފޯރުކޮށްދޭން ޕްލޭނިން ބަޔަކަށް ހަވާލުކުރި ގޮތާއި ގުޅުންހުރި ވާހަކަތަކެކެވެ. ކުރީގެ ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޓެންޑަރ ވަކި ބަޔަކާއި ހަވާލުކޮށްފައިވަނިކޮށް އެކަން ހުއްޓުވީ އޭސީސީންނެވެ. ނަމަވެސް މި ސަރުކާރުގައި ހަމަ އެފަރާތަކަށް އެކަން ޙަވާލުކުރިއެވެ.
އެސްޓީއޯއަށް ވުރެ އަގުބޮޑުކޮށް 25 މިލިއަން ރުފިޔާއަށް އެ ޕްރޮޖެކްޓް ދީފައިވަނީ ވެންޓިލޭޓަރުތައް ގެންނަން ޙަވާލުކުރި ފަރާތުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށްކަންވަނީ އެނގިފައެވެ. އެކަންކުރީ ރީ ބިޑިންގ މަރުޙަލާއަށް ދާންޖެހިފައިވަނިކޮށެވެ. އެކަމާ ގުޅޭ ސިޓީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ލިބިފައިވެއެވެ. އަދި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު ނަމަވެސް އެކަން ބެލޭގޮތެއް އަދި އަދަށްވެސް ނުވެއެވެ. ފަހަތުގައި ތިއްބެވީ ނުފޫޒް ގަދަ ވަޒީރުންކޮޅެއް ކަމަށްވެދާނެއެވެ. އޭސީސީއަށްވެސް އެކަންކަން ބެލޭނެ މަގެއް ނުފެންނަ ކަހަލައެވެ.
މިސަރުކާރުގެ ކުރީކޮޅު ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާ ދެއްވި ވާހަކައެއް ވައިގައި ހިފިއެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް އޭރަކު ނޭގުނެވެ. ނަމަވެސް ފަހުން ފެންމަތިވި ކަންކަމުގެ ސަބަބުން އެކަމަކު ވާހަކަތައްވެސް ގޯނިން ބޭރުވިއެވެ. އިސްތިއުފާ ދެއްވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަންޖެހުމުން އެކަމާއި ހިތް ހަމަ ނުޖެހިގެންނެވެ.
އައިޖީއެމްއެޗަށް ބޭނުންވާ ސޮފްޓްވެއާއެއް ހިލޭ ލިބިފައިވާ ވަނިކޮށް އެ ބޭނުންކޮށް ދައުލަތުން އެތައް ފައިސާއެއް ޚަރަދުކޮށްގެން އެ މަސައްކަތް ބަޔަކާއި ޙަވާލުކުރިއެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ސޮފްޓްވެއާ ވަނީ ސަރުކާރަށް ހިލޭ ދީފައެވެ. ސްޓޭޓް މިނިސްޓަރު އިސްތިއުފާ ދެއްވީ އައިޖީއެމްއެޗާއި ޙަވާލުވެ ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރަށް ދެންނެވި ވާހަކަތައް އަޑު ނޭއްސެވުމުން ކަމަށް އެފަރާތުން މުއާމަލާތްކޮށްފައިވާ މެއިލްތަކުންނާއި ވަޓްސް އަޕް މެސެޖުތަކުން އެނގެއެވެ. ފަހުން އެކަމުގައި މުއާމަލާތް ކުރީވެސް ރައީސް އޮފީހުގެ އިސް މަޤާމެއްގައި ހުންނެވި އެހެން ބޭފުޅެކެވެ. އަދި ބައެއް މީޓިންތައް ރައީސް އޮފީހުގެ އިތުރު މިނިސްޓަރަކު ބައިވެރިވެފައިވެއެވެ. އޭސީސީން އެކަންވެސް ބަލަން ފަށާފައި ހުއްޓުނީއެވެ. މަޖިލީހުގެ ތެރެއިން އަޑު އިވެނީ އެކަމަށް ހުރަސް އެޅީ ކަމަށެވެ. ތުހުމަތު ކުރަނީ ފިނޭންސް މިނިސްޓަރަށެވެ.
މިހުރިހާ ތުހުމަތުތަކެއް އިނގިލި ދިއްކުރެވެނީ ވަކި ބަޔަކަށެވެ. ވަކި މިނިސްޓަރުންތަކަކަށެވެ. ކަންކަން ކުރަން ހަމަޖެހިފައި އޮންނަ ކަމަށް ޢާއްމު ކުރެވިފައި އޮންނަ އުޞޫލާ ޚިލާފަށް، މެދުވެރިއަކު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރެވޭ ގޮތަށް އޮވެއްޖެ ނަމަ އެކަމެއް ރަނގަޅު ގޮތަކަށް ނުދާނެއެވެ. އެކަމަކު އޭގެން ކަމެއް ބެލޭނެ ގޮތެއްވެސް ނެތެވެ. ކުޑަ ގޮތަކަށް މި ހިއްސާކޮށްލެވުނީ މި ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ކުޑަ މިންވަރެކެވެ.

