ޤާނޫނީ ތަރަހައިގެތެރެއިން، މިހާރު އޮތް ހާލަތާއި އެކަށީގެންވާގޮތަށް ޚިޔާލުފާޅުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
މި ކަމަށް އިލްތިމާސްކުރައްވައި އަންގާރަދުވަހުގެރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި ގިނަމީހުން އެއްތަނަކަށް އެއްވެއުޅުން އަންނަ އޮގަސްޓުމަހުގެ 07 ވަނަ ދުވަހާއި ހަމައަށް ހުއްޓައިލުމަށް އަންގަވާފައިވާކަން ފާހަގަކޮށް، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް، މާސްކު އެޅުމެއްނެތި އަދި އިޖުތިމާޢީ ގައިދުރުކަމެއް ނުބަހައްޓާ އެއްވުންތައް ކުރިއަށް ގެންދާކަން ފާގަކުރެވިފައިވާކަމަށް ބުނެފައެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ވަނީ، މި ދުވަސްވަރަކީ ކޮވިޑަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު އިތުރުވަމުން އަންނަ ދުވަސްވަރެއްކަން ބުނެ، ފުލުހުންގެތެރެއިން ވެސް ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރު ދުވަސްވަރެއްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ފުލުހުން ވަނީ، އެއްވުންތައް ކަވަރުކުރާ ނޫސްވެރިން ވެސް، އެޗްޕީއޭގެ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ބުނެފައެވެ. އަދި ”ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު“ އިން ބާރު ލިބިގެން ހަދާފައިވާ، ”އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު“ ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސްވެރިންނަށް ދޫކުރާ ފާސް، އަބަދުވެސް ފެންނާނެހެން އެޅުމަށް ވެސް ފުލުހުންގެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، އެއްވުންތައް ކަވަރުކުރުމުގައި، ދަތިތައް ވީހާވެސް ގާތުން ކަވަރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި ޕޮލިސް މީޑިއާގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާނެކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން އެއްވެސް އެއްވުމެއް ނުވަތަ ފުލުހުންނާ ގުޅޭ ހަރަކާތެއް ކަވަރުކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެއްޖެނަމަ، ޕޮލިސް މީޑިއާގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުންނާއި، ނުވަތަ ޕޮލިސް މީޑިއާއަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ވަނީ، މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި، އަދި ޚާއްސަގޮތެއްގައި އެއްވުންތަކުގައި ބައިވެރިވާ މީހުންނާއި، އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާއި، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، އެޗްޕީއޭގެ ގައިޑްލައިނުގައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ގޮވާލާފައިވާއިރު، އެޗްޕީއޭގެ ޤަވާއިދުތަކާއި ޚިލާފަށް އަންނަނީ އެއްވުންތައް ބާއްވަމުންނެވެ. އެޗްޕީއޭއިން ވަނީ، ކޮވިޑްގެ މި ހާލަތު މިހެން އޮތްއިރު، އަންނަ އޮގަސްޓުމަހުގެ 07 ވަނަދުވަހާއި ހަމައަށް އެއްވުންތައް ނުބޭއްވުމަށް އަންގާފައެވެ. އަދި 30 މީހުންނަށްވުރެ ގިނަމީހުން އެއްތަނަކަށް ޖަމާވެ ނޫޅުމަށް ވެސް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފައެވެ. ނަމަވެސް މި މަހުގެ 26 ވަނަ ދުވަހުގެރޭގެ އިތުރުން، ފާއިތުވެދިޔަ އަންގާރަދުވަހުގެރޭ ވެސް،. ރައްޔިތުންގެ ގިނަ ބަޔަކާއެކު އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކަށް ނިކުމެ ވަނީ، އިހުތިޖާޖުކޮށްފައެވެ.

