ސަރުކާރެއް ހިންގުމަށްޓަކާ އަބަދުވެސް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށާއި، އެ ނިޒާމަށް ތާއީދު ކުރަން ފެށީ ”އަކުރު އެނގެން ފެށީއްސުރެ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރާއްޖެއާއި އެންމެ ގުޅޭ ނިޒާމަކީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފިނަމަ، އިންތިހާބު ކުރާނީ އިންތިގާލީ ވެރިކަމެއްކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދެކެވެނުވެ. އަދި އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމާއި މެދު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއް ހިންގުމަށްޓަކާ އަބަދުވެސް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. އަދި އެއީ އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ ވިސްނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމެއް ހިންގުމަށްޓަކާ ވެސް އެންމެ ރަނގަޅު ނިޒާމެއްގެ ގޮތުގައި ގަބޫލު ކުރަން ފެށީ ”ބަސް ދަސްވި“ ހިސާބުން ކަމަށެވެ.
މީގެ ކުރިން ވެސް ”އާސްކް ސްޕީކާ“ ގެ ނަމުގައި ރައީސް ނަޝީދާއި އެކު ކުރިޔަށް ގެންދިޔަ ކިއު އެންޑް އޭއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ބިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
އެ ބައްދަލުވުމުގައި އެރޭ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި އޮންނާނެ ނިޒާމާއި މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި އޭގެ ތެރެއަށް ވަކި ބައެއްގެ ނުފޫޒެއް ނާންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިދިޔަ ޖޫން މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އަދި އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ، އެންމެ ބޮޑަށް އެކަމަށް ފާޑިކިޔުން އަމާޒު ކުރަނީ ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

