އާ ގާނޫނު އަސާސީއަކަށް މަސައްކަތް ފެށުނީ، މި ގާނޫނު އަސާސީ ވުޖޫދު ނުކުރެއްވިއްޖެނަމަ އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ނޯންނާނެކަން ގަބޫލު ކުރެވި ވިސްނޭތީކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
2008 ވަނަ އަހަރުގެ ޖޫން 26 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ”ފެހި ގާނޫނުއަސާސީ“ ފާސްކޮށްފައިވަނީ އެ އަހަރުގެ އޮގަސްޓު 07 ގައެވެ. އަދި މި ފެހި ގާނޫނު އަސާސީއަށް މިއަދަށް ވަނީ 12 އަހަރު ފުރިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރީން ކުށެއް ކުރާ ޒުވާނަކު ނުވަތަ މަސްތުވާތެކެތީގެ މައްސަލައެއްގައި ހައްޔަރު ކުރާ މީހާ ހުންނަނީ ރުކެއްގައި ބަނުމަށްފަހު އޭނާގެ ގަޔަށް ހަކުރު އަޅާފައި ކަމަށެވެ. އެއީ އެ މީހެއްގެ ގަޔަށް ހިނި އަރުވަން ކަމަށާއި، އެ ތަނުގައި ބަނދެފައި ބަހައްޓާ އެ މީހުންނަށް އަނިޔާ ކުރުމުގެ އެތައް އަމަލެއް ހިންގާކަމަށެވެ. ޖަލުގައި އީވާން ނަސީމުގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ވެސް އެ ދުވަސްވަރުގައި ކަމަށާއި، އެމަނިކުފާނު ވެސް ގާމާދޫ ޖަލުގައި ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރު ކުރި ވަގުތާއި ދިމާވީ އީވާންގެ މަރުގެ ސެޓްފިކެޓު ހޯދުމަށް ގުޅި ވަގުތާއި ކަމަށެވެ. އޭރު މަރުގެ ސެޓްފިކެޓުތައް ވެސް ދެމުން ގެންދަނީ އެ މީހެއްގެ ހަށިގަނޑުވެސް ނުބަލާ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަޅާ މަރާލާފައި އޮތް އީވާން ނަސީމުގެ ހަށިގަނޑު ގެނެސް ހޮސްޕިޓަލަށް ވައްޓާލުން ވީ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންނާއި، ޖަލު ބަލަހައްޓާ މީހުންނަށް ވެސް ހީވެފައި އޮތް ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އޭރު ކަންތައް ހިނގައިދިޔައީ ދެކުނު އެމެރިކާގެ ގައުމުތަކުގައި މީހުން މަރާލުމަށްފަހު ފުލުހުން އެ މީހަކު ގެނެސް އާއިލާއާއި ހަވާލުކޮށް ހިނގި ހާދިސާއެއްގައި އޭނާ މަރުވީއޭ ބުނުންފަދަ ހާލަތެއްގައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އޭގެ ފަހުން ވެސް ޒުވާނުންތަކެއް މަގުތަކަށް ނިކުތުމާއި އެކު ޖަލުގައި ވެސް ހަމަނުޖެހުންތަކެއް ހިނގައިދިޔަ ކަމަށެވެ. އަދި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުގައި ހުރުމަށް ފެންނަ ނުފެންނަ ވޯޓެއް މަޖިލީހުން ނަގާ އެ ފާސްވި ކަމަށެވެ.
އާ ގާނޫނު އަސާސީ ހެދުމަށް އިންތިޒާމުވެގެން މަސައްކަތް ފެށުނީ، ލަންކާއަށް ފުރައިގެން ދިއުމަށްފަހުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އީވާންގެ މަރުގެ ހާދިސާއަށްފަހު ދެން ހިނގައިދިޔަ ކަންތަކުގެ ތެރެއިން އާ ގާނޫނު އަސާސީއެއް އުފެއްދުމަށް މަސައްކަތް ފެށި މިއަދާއި ހަމައަށް އައިއިރު އައިސްފައިވާ ބަދަލުތަކާއި އަދި އެފަދަ ދެވަނަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް ގާނޫނު އަސާސީގައި ވޭތޯ ސުވާލު ކުރުމުން ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރާގޮތުން އެކަން އެގޮތަށް ބަޔާން ކުރެވިފައިވާ ކަމަށެވެ. އެއްވެސް ގާނޫނު އަސާސީއެއް އެކަނި ގައުމެއްގެ ކަންކަން ހަމައެއްނުޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ބޮޑުފެންވަޅުގޭ ސީދީ އަރިހުގައި އަޅުގަނޑު އަޑުއަހަން ގާނޫނު އަސާސީ ލިޔެފައި، އޭގެ ބޭރުގައި ޖަހާނީ ކޯޗެއްތޯ އެހުމުން ވިދާޅުވީ ބޭހާއި ނުކުޅޭތި ބަޑި…… ނޭނގި ހުއްޓާ އަނދައިދާނޭ… ގޭ މަ ކޮޔާ ފިހިދާނޭ ގާނޫނު އަސާސީ ބޭރުގައި ޖަހާނީ. ދެން އެނގިވަޑައިގަންނަވާނެ ފުރަތަމަ ގާނޫނު އަސާސީ އުލު ބޭންދުމުގައި ބޮޑު 60 ބޮޑު 70 ގެ ބޭފުޅުންގެ ތެރޭގައި ސީދީ ހިމެނިވަޑައިގަންނަވާނެ. އަދި އަޅުގަނޑުގެ މުނި ކާފަ ވެސް“ ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ޑިސެމްބަރު 10 އެއްގައި ގާނޫނު އަސާސީ ނިންމަން ބުނެވުނު ކަމަށާއި، އެންމެ ބޮޑު ބިރަކަށް ވީ ކުރީގެ ގާނޫނު އަސާސީއަށް 13 އަހަރުވެ ހުއްޖަތްތައް ދައްކަމުން އައިސް އެ ގާނޫނު އަސާސީ ނިމުނު ދުވަހު އެއްވެސް ކަމެއް ވެފައި ނެތުން ކަމަށެވެ. އަދި އެ ގާނޫނު އަސާސީ ނިމުނު ވީހާވެސް ކަމަކީ އަރިއަތޮޅު ދެބުރިވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީއަކަށް މަސައްކަތް ފެށުނީ، މި ގާނޫނު އަސާސީ ވުޖޫދު ނުކުރެއްވިއްޖެނަމަ އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ނޯންނާނެކަން ގަބޫލު ކުރެވި ވިސްނޭތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް މިވަގުތު އެ ލިބެންޖެހޭ ހައްގުތައް ލިބެންޖެހޭނެ ކަމަށާއި، އަދި މިއަދުގެ ޒުވާނުންނަށް އެ ގާނޫނު އަސާސީ އަންނަން ޖެހުނު ސަބަބު ވެސް ނޭނގޭނެ ކަމަށެވެ. ނަމަވެސް އެއީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ ފުރަތަމަ ދައުރުގައި އެ ތަންފީޒު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ރައީސް ނަޝީދު ވިދާޅުވީ ޝަރީއަތުގެ ނިޒާމެއް ތަންފީޒެއް ނުކުރެވޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި މި ގާނޫނު އަސާސީ އަކީ ރައީސް މައުމޫންގެ ހުދުމުހުތާރު ވެރިކަމާއި، އަދި އަނިޔާވެރި ވެރިކަމާއި ކޮޅަށް ކުރެވުނު މަސައްކަތުގެ ރިއެކްޝަނެއް ކަމަށެވެ. ނުވަތަ އޭރު ރައީސް މައުމޫންގެ އަނިޔާވެރި ވެރިކަމަށް ދެކޮޅަށް އައި ރިއެކްޝަނެއް ކަމަށެވެ.
https://twitter.com/mvpeoplesmajlis/status/1291649234979237890
މިއީ އަނިޔާއާއި ދެކޮޅު ގާނޫނު އަސާސީއެއްކަމަށް ބަރުލަމާނީއެއްގެ ސިފަތައް ހިމެނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގާނޫނު ވަރަށް ބޮޑަށް ބަރުލަމާނީއެއްގެ ސިފައިގައި ތައްޔާރުކުރިއިރު އެންމެ ފަހުވަގުތު ނިޒާމު އޮންނާނެ ގޮތަކާއި މެދު ވޯޓެއް ނެގިއިރު ރިޔާސީ ނިޒާމަކަށް ފާސްވިކަމަށެވެ. ނަމަވެސް އޭރު އެމްޑީޕީން އެ ވޯޓު ބަލައިނުގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ރިޔާސީ ނިޒާމަކަށް ފައްކާވެފައިވާ ގާނޫނު އަސާސީއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އަވަސް އަވަހަށް އިސްލާހު ގެނައުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށާއި ބޭނުންވަނީ ހިންގުމުގެ ތެރޭގައި ފުރިހަމަކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރުން މިހާރަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ނެތް ނަމަވެސް، ވެރިކަމުގެ ނިޒާމަކަށް ބޭނުންވަނީ ބަރުލަމާނީއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކެވުމަށްފަހު މި ވާހަކަތައް އަބަދު ހެޑްލައިނަށް ނުގެނައުމަށާއި، މިއީ އާދައިގެ ވާހަކައެއްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ނޫސްވެރިންނަށް ހީވާގޮތުން މިއީ ވަރަށް ބޮޑު ”ޕޮލިޓިކަލް ކޮންފްލިކްޓެއް“ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ފޫހި އާދައިގެ ވާހަކައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

