ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) ބާރުތައް އިސްލާހުކުރުމުގެ ކުރިން، މިހާރުން މިހާރަށް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖޭއެސްސީގެ ބާރުތައް އިސްލާހުކުރުމުގެ ކުރިން، އެތަނުގެ ކޮމްޕޯޒިޝަން މިހާރުން މިހާރަށް ބަދަލުވެގެން ނޫން ގޮތަކަށް ގާނޫނުއަސާސީގެ ބޭސިކް ސްޓްރަކްޗާ ހިމާޔަތް ނުކުރެވޭނެ ކަމަށެވެ. ޖޭއެސްސީގެ އެތެރޭގައި ސިޔާސީ ނުފޫޒު ބޮޑުކަމަށް ޑރ ދީދީ ވަނީ މީގެ ކުރިން ވެސް ތުހުމަތު ކުރައްވާ ވަރަށް ބޮޑަށް އެ ކޮމިޝަނަށް ފާޑުވެސް ވިދާޅުވެފައެވެ.
ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުން ވަކިކުރުމަށް ހުށަހެޅުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި، ސުލޫކީ މިންގަނޑު ކަނޑައެޅުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ.
މިހާރު ޖޭއެސްސީގައި ތިއްބަވަނީ ދިހަ ބޭފުޅުންނެވެ. ޖޭއެސްސީގެ މެމްބަރުން، މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުގައި ވާ ގޮތުގެ މަތީން ކަންކަން ކުރުމާއި، އަދި ގާނޫނުގެ ވެރިކަން ކުރިއެރުވުން އަދި މަސްއޫލިއްޔަތެއް އަދާ ކުރުމުގައި ނުވަތަ ބާރެއް ބޭނުން ކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަކަށް ބަލައިގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
ޖުޑިޝަލް ސާވިސް ކޮމުޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާގޮތުން ބާރުތައް ބޭނުން ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އޭގެ ތެރޭގައި އެ މީހަކު ނިސްބަތް ވާ އާއިލާއާއި، އެ މީހެއްގެ ފިކުރަކަށާއި ނުވަތަ މަގާމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

