ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 89 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް އިތުރު 89 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު މިހާރު 4769 އަށް އިތުރުވެފައިވާ ކަމަށެވެ.
މި ގޮތުން އެންމެފަހުން ޕޮޒިޓިވްވި މީހުންގެތެރޭގައި 58 ދިވެހިންނާއި ބަންގްލަދޭޝްގެ 19 މީހުންނާއި އިންޑިއާގެ 6 މީހުންނާއި ލަންކާ މީހަކު ހިމެނޭކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެމެރިކާ މީހަކާއި މިސްރު މީހެއްގެ އިތުރުން ބްރިޓިޝް 2 މީހުންނެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 83 މީހުންނާއި އެހެނިހެން ރަށްރަށުން ޕޮޒިޓިވްވި 06 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 4769 އަށް އަރާފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިން އިތުރު 29 މީހުން ވަނީ ރަނގަޅުވެފައެވެ.
މި ގޮތުން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2754 އަށް އަރާފައެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 1996 މީހުންނަށެވެ. އޭގެތެރޭގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 129 މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

