ރާއްޖޭގެ ޞިއްޙީ ނިޒާމް އޮތީ ބޮއްސުންލާފައި ކަމަށް މެޑިކަލް ކައުންސިލް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މެޑިކަލް ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން ހަފީޒާ އަލީ ވިދާޅުވީ ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސް ކުރާ ގައިޑްލައިނަށް އެއްވެސް ވަރަކަށް މިހާރު އަމަލު ނުކުރާކަމަށެވެ.
ހަފީޒާ ވިދާޅުވީ ގައިޑް ލައިނެއް ނެތުމުން ހޮސްޕިޓަލްތަކުން ފަރުވާ ދިނުމުގައި އަމަލުކުރަނީ ކުރަނީ އެކި ގޮތްގޮތައް ކަމަށްވުމުން ރާއްޖޭގެ ޞިއްޙީ ނިޒާމް ބޮއްސުންލާފައި ކަމަށެވެ.
ސިއްޙީ ދާއިރާގެ މުހިއްމު މަޤާމުތަކެއް ހުސްކޮށް ހުރިކަން ފާހަގަކުރައްވާ ހަފީޒާ ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސް އާއި ޑިރެކްޓަރ ޖެނެރަލް އޮފް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ބްލަޑް ސާވިސް އަދި ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ގެ މަގާމަށް މީހުން އައްޔަން ކުރަންޖެހޭ ކަމަށެވެ.
ހަފީޒާ ވިދާޅުވީ އެ މަޤާމުތަކަކީ ހެލްތު މިނިސްޓަރެއް ހުއްޓަސް މިނިސްޓްރީގެ ލީޑަރޝިޕްގައި ހިމަނަންޖެހޭ މަޤާމުތަކެއްކަމަށާއި މީގެ ކުރިން އެ މަޤާމުތަކުގައި މީހުންވެސް ތިއްބެވި ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން އެމަޤާމުތައް ނެތުމުގެ އިތުރުން ފަންކްޝަންވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ އެ މަޤާމުތައް ހުސްކޮށް އޮވެގެން ރަނގަޅު ފެންވަރެއްގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށެއް ނުދެވޭނެ ކަމަށް ހަފީޒާ ވިދާޅުވިއެވެ. ރަނގަޅު ޚިދުމަތްތަކެއް ދޭން ބޭނުން ނަމަ އެ މަޤާމުތަކަށް މީހުން އައްޔަންކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަފީޒާ ވިދާޅުވީ ހެތްލު މިނިސްޓްރީ ހިންގުމަށް ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ނުކުރުމަކީވެސް ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ހެލްތް މިނިސްޓްރީގެ އެގްޒެކިއުޓިވް ލެވެލް ބައްދަލުވުންތައް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ހެލްތް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބައްދަލުވުންތައް 2 މަހުން އެއް މަހު ވެސް ނުބޭއްވޭކަމަށް ހަފީޒާ ވިދާޅުވިއެވެ.
ހަފީޒާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެތެރޭގައި މަޝްވަރާ ނުކޮށް އެމީހަކަށް ފެންނަ ގޮތަކަށް ފެންނަކަމެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީއަށް ތަކެތި ހޯދުމުގައި ޕްރޮކިއުމެންޓްގަ ޓްރާންސްޕޭރެންސީ އެއްވެސް ނެތް ކަމަށާއި މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޓެންޑާ ބޯރްޑް ބަދަލުކުރާ ކަމަށް ހަފްސާ ވިދާޅުވިއެވެ. އަދި ތަކެތި ހޯދުމުގައި އިއުލާންކުރުމެއް ޓެންޑަރ ކުރުމެއް ނެތި މިނިސްޓްރީގެ މުވައްޒަފެއްގެ ގާތް މީހަކަށް ދިނުން ފަދަ ކަންކަން ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަފްސާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް އެކަށީގެންވާ މިންވަރަށް ގޮނޑި އާއި މޭޒު ނެތް ބައެއް ޑިޕާޓްމެންޓް ހުރި އިރު ބައެއް ތަންތަން ފެންނަނީ ގަނޑުވަރު ފެންވަރުގައި ކަމަށެވެ.

