އާއިލާގެ އެދުމާއި އެއްގޮތަށް މިހާރު މަސައްކަތް ކުރަމުންދަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި އިތުރުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމަނައިގެން މަސައްކަތް ކުރިޔަށް ގެންދިއުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޟްވާން ގެއްލުވާލިތާ މިއަދަށް ވަނީ ހަ އަހަރުވެފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން ވެސް ރައީސް ސޯލިހާއި މި ސަރުކާރުގެ އިސްވެރިން ބުނަމުން އައީ ރިޟްވާނަށް އިންސާފު ހޯދައިދީ، މިކަމަށް ފަނޑު ކުރި މީހުން ހޯދާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އާއިލާއަށް އެއްވެސް އިންސާފެއް ލިބިފައި ނުވާއިރު، މަރުގެ މައްސަލަތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނަށް ވެސް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ.
ކޮމިޝަންތައް އުފައްދާ މަސައްކަތް ފެށިތާ ވެސް ދެ އަހަރާއި ގާތްވެފައިވާއިރު، މައްސަލައިގައި ލިބުނު ކުރިއެރުންތަކެއް ނެތެވެ. މިއަދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރުކާރު ވެރިކަމަށް އައުމަށްޓަކާ މަރުގެ މައްސަލަތައް އިންސާފު ހޯދައިދޭނެކަމަށް ބުނި ނަމަވެސް އެފަދަ އެއްވެސް ބަދަލެއް ފެނިފައިނުވާތީއެވެ.
ފާޑުކިޔުންތަކެއް އަމާޒުވަމުން ދާ ދަނޑިވަޅެއްގައި އަތުން ލިޔުއްވާފައިވާ ނޯޓެއް ޓްވީޓުކޮށް ރައީސް ސޯލިހް ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އެހެން ނަމަވެސް ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނޯޓު ނިންމަވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
https://twitter.com/ibusolih/status/1292068589747359746
ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވެސް އެންމެ މުހިއްމު އެއް ވައުދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވާން ގާތް ވީއިރު ވެސް ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ.
އާއިލާގެ ފަރާތުން މިއަދާއި ހަމައަށް ވެސް މުވައްސަސާތަކާއި ބައްދަލުކޮށް، އިންސާފަށް އެދި ދަނީ އާދޭސް ކުރަމުންނެވެ. މިއަދު އާއިލާގެ ފަރާތުން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އައީ ޔާމީނާއި، ރިޟްވާންގެ ނަން ބޭނުންކޮށްގެން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މައްސަލައިގައި އެއްވެސް އެހީތެރިކަމެއް އަދި އާއިލާގެ އަޑެއް ނޭހިއިރު ރައީސް ސޯލިހް އާއިލާއަށް އާ އުންމީދެއް ގެނެސްދިން ކަމަށެވެ. މި ސަރުކާރަށް ވޯޓުދިނީ ދަރިފުޅަށް އިންސާފު ބޭނުންވާތީ ކަމަށާއި އެހެން ނަމެވެސް ”އެ ކުންދިންގެ ނަން ބޭނުންކޮށް ވެރިކަމަށް އައިސް“ ލިބުނު އިންސާފެއް ނެތް ކަމަށެވެ.

