އެމްޑީޕީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި އަމަލުކުރާނެ އުސޫލުތަކާއެކު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އެމްޑީޕީގެ އަސާސީ ގަވާއިދަށް ދެ އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ބޮންޑޭ ހުށަހެޅުއްވި ނަމަވެސް އެއާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކޮންގްރެސްގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮންޑެ ވަނީ ދެ އިސްލާހެއް ހުށައަޅާފައެވެ. އެގޮތުން އެމްޑީޕީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި، މިނިސްޓަރެއްގެ މައްޗަށް ޖިންސީ ފުރައްސާރައި މައްސަލައެއް ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތެއްގައި މަޤާމުން ވަކި ކޮށްފިނަމަ އެ މިނިސްޓަރަކު ނިސްބަތްވާ ޕާޓީއަކަށް ދެވަނަ ފަހަރަށް އެ ސްލޮޓް ނުދެވޭނެ ކަމަށް ހުށަހަޅާފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަލީ ވަހީދަށް ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކުރައްވާ، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ ޖޭޕީގެ ސްލޮޓުގައި ސަރުކާރުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމެވެ. ބޮންޑެގެ އިސްލާހުގައި ވާ ގޮތުން އެ ފުރުސަތު އެހެން ޕާޓީއަކަށް ނުލިބޭނެއެވެ.
ދެވަނަ އިސްލާހަށް ބޮންޑެ ހުށަހަޅުއްވާފައިވަނީ މިނިސްޓަރަކު މަގާމުން ވަކިކޮށްފިނަމަ ދެން އެ މަގާމަށް ގެންނަން ޖެހޭނީ މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.
ބޮންޑެގެ އިސްލާހުތަކަށް ބަލާނަމަ ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ތިބި ހަތަރު ޕާޓީގެ ތެރެއިން 50 ހާސް މެންބަރުން ހަމަވަނީ އެމްޑީޕީގެ އެކަންޏެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 53590 އެވެ.
ދެން ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމަށް ބަލާއިރު އެންމެ މެންބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެކަމަކު އެޕާޓީގެވެސް މެންބަރުންގެ އަދަދަކީ 10158 އެވެ.
ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ފުރުސަތު ގެއްލޭ އިސްލާހާއި ގުޅޭގޮތުން ބޮންޑެ ވިދާޅުވެފައިވަނީ މައިގަނޑު އެއް މަގުސަދަކީ މަދު މެމްބަރުން ހިމެނޭ ޕާޓީތަކުގެ ބަދަލުގައި ގިނަ މީހުންގެ ބައިވެރިވުން އޮތް ޕާޓީތައް ސަރުކާރު ތެރޭގައި އިތުރުމަށް ކަމަށެވެ.
ބޮންޑެ ވިދާޅުވީ މިފަދަ އިސްލާހުތަކެއް ހުށައެޅީ ކޮންމެހެން ވަކި ބޭފުޅަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދަށް މި ބަދަލުތައް އައުމުން އެހެން ޕާޓީތަކަށްވެސް ފައިދާ ކުރާނެ ކަމަށާއި ހާއްސަކޮށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މެންބަރުންގެ އަދަދު އިތުރުކުރަން މަސައްކަތްކުރާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

