ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައިދު މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހަތަރު މަހު ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯކުރުމާއި ގުޅިގެންން އެކަމަށް ފާޑު ވިދާޅުވުމުގެ ގޮތުންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މަހަކަށް އެއް ބިލިއަން ޗާޕުކޮށް ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލި، ބާޒާރުގެ އަގުތައް ބޮޑުވެ ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި ”ސަރުކާރަށް ދޫކޮށްފައިވާ ފައިސާ“ ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ހިމެނެވެ.
އެ ފައިސާއަކީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބިތީ އެމްއޭއޭއިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ދިން ފައިސާ އެވެ.
އެމްއެމްއޭ އޯވާޑްރޯ ކުރާ ފައިސާ ބޭނުންކުރާނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތަކަށެވެ.
ސަރުކާރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 13.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެކަމަކު މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.8 ބިލިއަން ރުފިޔާ އެވެ.

