ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވާތީއާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާތީ ރައީސް ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެގޮތުގެ އިރުޝާދަކަށް އެދި ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށެވެ.
މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާއި ގުޅޭ ތަފްސީލުތައް ދިމާ ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަންޏެއް ނަގާތާ ނުވަތަ ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޫކުރާތާ 30 ދުވަހު ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ.
”އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓާ މެނޭޖް ކުރާނެ މެކޭނިޒަމް ބަޔާން ކޮށްފައިވޭ. އެހެން ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމާއި އަދި މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސްއިން ވެސް އަމަލު ކުރައްވަމުން ނުގެންދަވާކަން އަޅުގަނޑަށް ފާހަގަވޭ“ ރައީސް ނަޝީދު
މަޖިލީހުގައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު މައުލޫމާތާއި، ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނެވެ.
ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު، ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެ ކަން ދޮގު ކުރައްވަ އެވެ.

