ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައިވާ ”އިންކަމް ސަޕޯޓް އެލަވަންސް“ މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ދިނުމަށް ނިންމައި އެކަމާއި ބެހޭ އުސޫލް ސަރުކާރުން އާންމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ މި އުސޫލު އެކުލަވައިލައިފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 23.6 ވަނަ މާއްދާގެ ދަށުންނެވެ.
ެައީސް އޮފީހުން އެކުލަވާލި މި އުސޫލްގެ މަގުސަދަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމެވެ. ހަމައެހެންމެ ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކަށް އެހީތެރިވެދެވޭނެ ގޮތްތައް، ދައުލަތުގެ ވަސީލަތްތައް ހުރި މިންވަރަކުން ފޯރުކޮށްދިނުމަކީ ވެސް މިފަފަ އުސޫލެއް އެކުލަވާލުމުގެ މަގުސަދެއް ކަމަށް އުސޫޅްގައި ވަނީ ބުނެފައެވެ. މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތަށާއި އިޖުތިމާޢީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ޙައްލުކޮށް، އާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރުމަކީ ވެސް މި އުސޫލްގެ މަގުސަދެކެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ އުސޫލްގައި ބުނެފައިވާ ގޮތުގައި މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ.
ރައީސް އޮފީހުން އާންމުކުރި އުސޫލްގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް، 1 ޑިސެންބަރު 2019 ގެ ފަހުން، އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. މި އުސޫލްގެ ދަށުން އިންކަމް ސަޕޯޓް އެލެވެންސް ލިބޭނީ ވަޒީފާއިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނުވަތަ ނޯޕޭ ލީވް އަށް ފޮނުވައިފައިވާ ފަރާތްތަކާއި، މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވު ފަރާތްތަކަށެވެ.
އުސޫލްގައި ބުނެފައިވާ ގޮތުގައި ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެވޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ، މަހަކު5000ރ އެވެ. އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނުވަތަ ނޯޕޭ ލީވްއަށް ފޮނުވައިފައިވާ ފަރާތެއްނަމަ، އިނަކަމް ސަޕޯޓުގެ ގޮތުގައި ލިބޭނީ 5000ރ އެވެ. ހަމައެހެންމެ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އިންކަމް ސަޕޯޓިގެ ގޮތުގައި ލިބޭނެ ކަމަށް އުސޫލްގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ރައީސް އޮފީހުން އާންމުކުރި އުސޫލްގައި ބުނެފައިވާ ގޮތުގައި އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5000ރ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
މީގެއިތުރުން އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫން ކަމަށް ރައީސް އޮފީހުން އާންމުކުރި އުސޫލުގައި ވަނީ ބުނެފައެވެ.

