ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ގުޅޭގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އާއި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާގެ ވާހަކަ ތަފާތުވެއްޖެއެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅާއި ގުޅިގެން އެވާހަކަފުޅު ދޮގު ކުރައްވާ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެކަން ރިޔާސަތާއި ކަމާ ގުޅުން ހުރި ކޮމެޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ.
ނާޝިޒް ވިދާޅުވީ ސިނަމާލެ ބްރިޖަށް ޗައިނާގެ ބޭންކްއިން ނަގާފައިވާ ލޯނުގެ މައުލޫމާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކްއިން ނެގި ލޯނުގެ މައުލޫމާތުތައް ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިފަދަ މައުލޫމާތުތައް މިކަހަލަ ބައެއް ފެކްޓްސް ނުހިމެނޭ ގޮތަށް ނޫނިއްޔާ ހަގީގަތާ ހިލާފު ވާގޮތަށް ގެނެސް އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް ގެނެވި މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިގޮތަށް މަޝްވަރާ ކުރެވޭ ހިސާބަށް ދާއިރު މީގައި ބަލަން ޖެހޭ ވަރަށް ނުބެލި އޮތްއޮތުން މިއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،“ ނާޝިޒް ވިދާޅުވި އެވެ.
މީގެ އިތުރުން ސަނީސައިޑް ބޮންޑަށް ބޮންޑް ހޯލްޑާސް އިން ނެގި ލޯނާއި ޕްރޮޖެކްޓް އިސް ރަގާއަށް އަބޫދާބީ ފަންޑް އިން ނެގި ލޯނުގެ ހިސާބުތައް ވެސް ޖުލައި 16، 2018 ގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.
ލޯނުތަކުގެ މައުލޫމާތު މަޖްލީހަށް ނުލިބޭ ކަމަށް އަމީން އާންމު ވިދާޅުވީ، އެ މައްސަލަ މުޅި މަޖިލީހުގެ ކޮމޮޓީއަކުން ދިރާސާ ކުރައްވަން ރައީސް ނަޝީދު ހުށަހަޅުއްވާ މަޖިލީހުން އެގޮތަށް ފާސްކުރުމުން، ކޮމިޓީގެ ބައްދަލުވުން ފަށްޓަވަމުން ލޯނުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވުމުން އެ ކަމުގެ ހަގީގަތް އަމީންއާންމު ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.
އަމީންއާންމު ވިދާޅުވީ އެ ހަތަރު ލޯނަކީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ދެމެދުގައި ނެގި ލޯނުތަކަށް ވާތީ އެ މުއްދަތުގެ ތެރޭގައި އެފަދަ ލިޔެ ކިއުމެއް ލިބިފައިވޭތޯ ބެލިނަމަވެސް އެފަދަ އެއްވެސް ލިޔެކިއުމެއް ފެނިފައި ނުވާ ކަމަށެވެ.

