މަސްވެރިން ވިއްކާ މަހަށް ފައިސާ ނުދީ ލަސްވާ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރުކުރުމަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ހުށަހަޅުއްވާފައިވާ ދެ ސުވާލެއް ކުރެއްވުމަށެވެ.
ފުރަތަމަ ސުވާލަކީ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހަޅުއްވާފައިވާ ސުވާލެކެވެ. އެއީ މިފްކޯއިން މަސްވެރިން ވިއްކާ މަސް ގަތުމަށް ފަހު ދޭން ޖެހޭ ފައިސާ ލަސްވާ ސަބަބާއި، ފައިސާ ދެވޭނެ ދުވަހެއް ސާފު ކުރުމަށް ހުށަހަޅުއްވާފައިވާ ސުވާލެކެވެ.
ދެވަނަ ސުވާލަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ސުވާލެކެވެ. އެއީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން މެންބަރުގެ ދާއިރާގައި ހިމެނޭ ރ.މަޑުއްވަރީ ގާއިމް ކުރާ އައިސް ޕްލާންޓްގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ.

