ކުރިޔަށް އޮތް ތިން މަހު ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަހުން ފެށިގެން ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާ ކަމަށާއި އެ އަދަދު ހާއްސަ ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމަށް ކަމަށެވެ.
ވިޔަފާރު ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ލިކިއުޑިޓީގެ ދަތިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ފައިސާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ކުރިން ހުރި 10 ޕަސެންޓުން 7.5 ޕަސެންޓަށް އޭޕްރީލް މަހުގެ ތެރޭގައި ދަށް ކުރެވިފައިވެއެވެ. އަދި ޖުލައި މަހުގެ ތެރޭގައި 7.5 ޕަސެންޓުން 5 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މި ދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ކޮވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

