ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ވަކިވެވަޑައިގަތުމަކީ ޕާޓީއަށް ލިބުނި ފޫނުބެއްދޭވަރުގެ ފަޅުކަމެއް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ހުސެއިން މުހައްމަދު އެ ޕާޓީ އަށް ވަރަށް އިހްލާސްތެރި، އެހާމެ އަގުހުރި ހިދުމަތްތަކެއްކޮށް ދެއްވުމުގައި ދެމިހުންނެވި ކަމަށެވެ. ހުސެއިން މުހައްމަދަކީ ކައުންސިލްގައި ކުރާ މުހިންމު ބަހުސްތަކުގައި ހަމަ ހިފަހައްޓާލަ ދެއްވާ ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ހިޔާލު ތަފާތުވުންތައް ހަމައަކަށް އަޅުއްވައި ދެއްވައި ހުރިހާ ބޭފުޅުންނާ ގުޅޭ ވަަށް ސާބިތު އިތުބާރު ހިފޭ ބޭފުޅެއް ކަމަށް ބަޔާނުގައިވެއެވެ.
”އެއީ ވަރަށް ޒިންމާދާރު، އެހާމެ ކުޅަދާނަ ޕާލަމެންޓޭރިއަނެކެވެ. ރާއްޖޭގެ މީޑިއާގެ ދާއިރާގައި ވަރަށް ފުންނާބު އުސް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ނޫސްވެރިކަމުގެ ދާއިރާގައި ހާއްސަކޮށް ދުނިޔޭގެ ހަބަރުތައް ދިރާސާ ކުރެއްވުމުގައި ކުޅަދާނަ އެހާމަ ތަޖުރިބާކާރު ބޭފުޅެކެވެ،“ ޖޭޕީން ބުންޏެވެ.
ހުސެއިން މުހައްމަދު ވަކިވެވަޑައިގަތުމަކީ ރާއްޖޭގެ ނޫސްވެރިންގެ އާއިލާ އަސް ވެސް ލިބުނު ބޮޑު ހިތާމައެއް ކަމަށް އެ ޕާޓީން ބުނެއެވެ.
ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވިއެވެ.
ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އެގޮތުން، އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.
މީގެ އިތުރުން ހުސެއިން މުހައްމަދު ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.

