ބީލަމަށް ހުޅުވާނުލައި މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް ކުރީގެ ސަރުކާރުން މާލިއްޔަތުގެ ގާނޫނަށް ގެނައި ގަވައިދު އުވާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
މާލިއްޔަތު ގަވައިދަށް 2017 ވަނަ އަހަރު ގެނައި އިސްލާހުގައި ވާ ގޮތުން ބިޑު ކުރުމަކާއި ނުލާ މަޝްރޫއުތައް ކުންފުނިތަކާއި ހަވާލު ކުރެވޭނެއެވެ. އަދި އޭރު ގެނައި އިސްލާހުގައި ބުނެފައިވަނީ ބީލަމަށް ހުޅުވާނުލާ މަސައްކަތެއް ހަވާލު ކުރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށެވެ. އަދި އެ ބާރު ލިބިގެން ވަނީ ފިނޭންސް މިނިސްޓަރާއި، ނޭޝަނަލް ޓެންޑާރ ބޯޑު އަދި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޓެންޑާރ ބޯޑަށް ހުށަހެޅުމަކާއި ނުލާ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކައުންސިލުން ކަނޑައަޅާ ފަރާތަކާއި މަޝްރޫއު ހަވާލު ކުރެވިދާނެ ކަމަށް ގަވައިދުގައި ވެއެވެ.
މި މާއްދާ އުވާލުމަށް ކުރީގެ ކޮމިޝަނުން ވެސް އެދިފައި ވެއެވެ. އަދި އޭސީސީގެ ކުރީގެ މެމްބަރުން ވެސް ވަނީ ބިޑު ކުރުމަކާއި ނުލާ މަޝްރޫއުތައް ދިނުމާއި ގުޅޭގޮތުން 10.27 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓެއް ވެސް ހަދާފައެވެ. އެ މައްސަލައިގައި އޭރު އޭސީސީއިން ބުނެފައިވަނީ އެ ކޮމިޝަންގެ ލަފާއަކީ ބިޑުކުރުމަކާނުލައި ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ކުރިޔަށް ގެންދިއުމާއި، ބޭރުގެ ގައުމެއްގެ އެހީގައި މަޝްރޫއުތައް ހިންގުމާއި، ކޮންސެޝަނަލް ލޯނެއްގެ ދަށުން މަޝްރޫއުތައް ހިންގުމާއި، އަންސޮލިސިޓެޑް ޕްރޮޕޯސަލްތަކުގެ ދަށުން މަސައްކަތްކުރުމަށް ހާއްސަ މާއްދާތައް ވަކިވަކިން އެކުލަވާލުން ކަމަށެވެ.
މި އިސްލާހުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާކަމާއި އަދި ވަކި ބަޔަކަށް މަންފާ ހޯދައިދީ ނާޖާއިޒް ފައިދާތަކެއް ނެގުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ.
2015 ވަނަ އަހަރުގެ މޭއި މަހުގައި ގެނައި އެ އިސްލާހަށް އޭސީސީއިން ބުނެފައިވަނީ، އޭރު ގެނައި އެ މާއްދާއާއި އެކު އިދާރާތަކުން އަމިއްލަ މަންފާއަށް މަސައްކަތްތަކެއް ކުރި ކަމަށެވެ. މި އިސްލާހު ބާތިލު ކުރުމަށް އޭސީސީއިން އަނެއްކާވެސް އެދިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ކޮމިޝަނުން ވަނީ ކުރީގެ ސަރުކާރުގެ ތެރޭގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި، މި ގަވައިދުގެ ބޭނުން ނާޖާއިޒް ގޮތުގައި ނަގާފައިވާކަމަށް ބުނެފައެވެ. އެހެން ކަމުން ބީލަމުގެ ވާދަވެރިކަން ގެއްލޭ އެ މާއްދާގެ ސަބަބުން ކޮރަޕްޝަނަށް ދޮރުތަކެއް ހުޅުވޭތީ އެކަމާއި ބެހޭ ކަންބޮޑުވުންތައް އޭސީސީއިން ވަނީ ފިނޭންސް މިނިސްޓްރީ އާއި ހިއްސާކޮށްފައެވެ.
އޭސީސީއިން ބުނެފައިވަނީ ، ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލް އޮތް ކަމެއް ކަމަށެވެ. އަދި، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫޙާ ހިލާފަށް ކުރާ، ކޮރަޕްޝަންގެ ހިރާސްއޮތް ކަމަކަށް ވާތީ، އެ ކޮމިޝަނުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިސްލާހު ކުރުމަށް އޭސީސީއިން އެދުނު މާއްދާގައި ވާގޮތުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެ އެވެ. ނަމަވެސް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ނެޝަނަލް ޓެންޑަ ބޯޑަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިއުމަކުން ހޯދުމަށް ފަހުގަ އެވެ.
މީގެ އިތުރުން ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނަނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއް ކަން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
މި އިސްލާހު ވުޖޫދު ކުރުމުގެ ކުރިން މާލިއްޔަތު ގަވައިދުގައި އޮތް ގޮތުން ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ އެވެ. އެގޮތުން، 35،000 ރުފިޔާއަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ކުންފުންޏެއް ނުވަތަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އެކަމަށް އިއުލާންކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.

