އިފުރު އެއާޕޯޓާއި ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާން ކޮށްފި އެވެ.
މީގެ ކުރިން ވެސް އިފުރު އެއާޕޯޓާއި، ރިސޯޓު ވިއްކާލުމަށް އެ ރަށުގެ ވެރިފަރާތް ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން އިއުލާންކުރި އެވެ. އޭރު ވެސް އެ ރިސޯޓް ވިއްކާލަން ނިންމާފައިވާ އަގަކީ އެއް ބިލިއަން ރުފިޔާ އެވެ.
ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ވަނީ އިފުރުގައި އެއާޕޯޓެއް ތަރައްގީކުރަން އިފުރު އިންވެސްޓްމަންޓްސްއާއެކު ވެވުނު އެއްބަސްވުމުގައި ހިމަނާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށެއް ކަމަށްވާ ބ. ފުނަދޫ ވެސް އެއާޕޯޓާއި ރިސޯޓާއި އެކު ހިމަނާފަ އެވެ. އެ ރަށް ވެސް 50 އަހަރުގެ މުއްދަތަކަށް ވިއްކާލާނެ އެވެ.
އިފުރު ސިޓީ ހޮޓަލަކީ 56.52 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ޖުމްލަ 150 ބީޗްވިލާ ހިމެނޭ މި ރިސޯޓުގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ. މި ރިސޯޓު ތަރައްގީކޮށްފައިވަނީ ޖުމްލަ ހަ ރެސްޓޯރެންޓު އަދި ބާ ހިމެނޭ ގޮތަށެވެ.

