އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މިއަދު މިނިސްޓަރ އިމްރާންއަށް ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އަންގާރަ ދުވަހު ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ 11 މެމްބަރުން ސޮޔާއިއެކު މިނިސްޓަރ އިންރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އަދި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ދޭން ޖެހޭ14 ދުވަހުގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މިއަދު މިނިސްޓަރ އިންރާންއަށް ފޮނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ އިމްރާންއަށް ނޯޓިސް ފޮނުވުމަށް ފަހު މައްސަލަ މަޖިލީޙުގެ އެޖެންޑާގައި ހިމަނާނެ ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު ހިނގައިދިޔައީ އާދައިގެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށެވެ.
ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.

