ކޮވިޑް-19އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފި އެވެ.
ރާއްޖެ ޓީވީގެ ”ފަލަސުރުހީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި، މާޗު މަހުގެ ތެރޭގައިި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ވަމުން ކަމަށެވެ.
”އޭގެތެރޭގައި ވޯޓްލާ މީހުންގެ ރެޖިސްޓްރީ އަޕްޑޭޓް ކުރުން. އެއީ މިއަންނަ އަހަރުގެ މާޗު މަހަށް 18 އަހަރު ހަމަވާ މީހުންގެ ނަންތައް އިތުރުކުރުން. އަދި މި މުއްދަތުގެ ތެރޭގައި މަރުވެފައިވާ މީހުންނާއި އިތުރު ސަބަބުތަކަށްޓަކައި ބަދަލުވެފައިވާ މީހުންގެ މައުލޫމާތު ހިމެނޭ،“ ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ކިއު ހެދުން ފަދަ ކަންކަން ކުރުމުގައި ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭ ކަމަށާއި، އެހެން ކަމުން ވޯޓުލާ މަރުކަޒުތަކަށްވެސް މިކަމާ ގުޅުންހުރި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
އަދި އިތުރަށް ވޯޓުލާ މަރުކަޒު ހިމަނަން ޖެހުމަކީ ވެސް ކުރަން ޖެހިދާނެ ކަމެެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

