ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ޖަމްއިއްޔަތުއް ސަލަފު އަޑީގައި އޮވެގެން ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްލަސާގައި ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ އިމްރާންގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކުރާ މަސައްކަތް ހުއްޓުވުމަށް އިމްރާން ކުރައްވާ މަސައްކަތާ ދެކޮޅަށް ކަމަށެވެ.
ހަލީމް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ބޮޑުވެ، މިއަދު ރާއްޖެއާއިމެދު ދުނިޔޭގެ ބައެއް ޤައުމުތަކުން ދެކޭ ގޮތްވެސް ބަދަލުވެފައިވަކަމަށެވެ. އަދި ސަލަފް ޖަމިއްޔާއިން މިއަދު ރާއްޖޭގައި މަސައްކަތް ކުރަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައިކަމަށާއި ހާއްސަކޮށް ގައުމުގައި ހިނގައި ސިޔާސީ ކަންކަމަށް ބަސްބުނެ ވަރަށް ބޮޑަށް ސަލަފް ޖަމިއްޔާއިން ސިޔާސީ ވެފައިވާކަމަށެވެ.
މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަލަފް ޖަމްއިއްޔާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
”އިސްލާމްދީނަކީ ރާއްޖޭގެ ރައްޔިތުން ލޯބިކުރާ ދީނެއް، ދީނަލަށް އުޅެމުންދަނިކޮށް، ހަރުކަށި ފިކުރަށް ގެނބިގެން ގޮސް، މިއަދު ވަނީ ޤައުމު ބޮޑު ބިރުވެރިކަމަށް ވެއްޓިފަ. މިއަދު ރާއްޖޭގެ ޕާސްޕޯޓް ފެންނަނީ ބޮމެއްގެ ގޮގައި. ސަލަފުން ޕާޓީއއް ހެއްދެވުން މާރަނގަޅުވާނެ. އިމްރާން ލައްވައި މިމައްސަލަ ވެއްދީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތާއި ދެކޮޅަށް.“ ހަލީމް ވިދާޅުވިއެވެ.
ކުރީގެ ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ކަންކަމުގައި އުޅުއްވާ އަލީ ރަމީޒުއަށް ނުސީދާކޮށް ރައްދު ދެއްވައި ހަލީމް ވަމީ ސަލަފް ޖަމިއްޔާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

