އައްޑޫ ސިޓީ ގަމާއި ލ. ގަމުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ގަން ކޯޒްވޭއިގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 21:30 ގައި ކަމަށެވެ. އަދި މިއެކްސިޑެންޓުގައި އެއް ސައިކަލު މޫދައް ވެއްޓިފައިވާ ކަމަށް ފުލުހުންވެސް ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިއެކްސިޑެންޓުގައި 3 މީހަކަށް އަނިޔާ ވެފައިވާ އިރު، އެތަނުން ދެ މީހަކަށް އައްޑޫ ފޭދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެތަނުން އެކަކު އިތުރު ފަރުވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ރޭ އިރާކޮޅު ލާމު ލިންކު ރޯޑުގައިވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.
ރޭ 10:30 ކަންހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ގަމު، ސިނާއީ ބޮޑު މަގުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް މަގު މެދުގައި ޖަހާފައިހުރި ސައިން ބޯޑެއްގެ ހޮޅީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ކާރުގެ ހުރިހާ ފުރޮޅެއް ފަޅައިގެންގޮސް، ކުރީ ބަފަރު ނެއްޓި އިތުރު ގެއްލުންތައް ވަނީ ލިބިފައެވެ. މައުލޫމާތު ލިބުނު ގޮތުގައި މި ކާރު ދުއްވަން އިން މީހާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓުވި މިކާރު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންގެންދާ ކަމަށެވެ.

