ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މިނިވަންކަމާއެކު ބޭއްވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޅިވަރުގެ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ ބަހުސުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގައި ތިއްބަވާ ބައެއް މެންބަރުން ބޭނުންވާގޮތަކަށް އެދާއިރާގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރާ ކަމަށެވެ.
އަފީފް ވިދާޅުވީ އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުން ހިތުހުރި ގޮތަކަށް އަސާސީ ގަވައިދާ އުސޫލުތައް ބަދަލުކުރަމުންދާ ކަމަށެވެ. އެހެންވެ އެސޯސިއޭޝަންތަކުގެ ގަވައިދަކީ ހިންގާ ކޮމިޓީއަށް ބަދަލު ނުގެނެވޭނެގޮތަށް ގާނޫނަކުން ބަޔާންކުރަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.
މިހާރު ދިވާމާ މައްސަލައަކީ އެސޯސިއޭޝަންތަކުގެ އިންތިޚާބާއި ދިމާކޮށް ހިންގާ ކޮމިޓީން އަސާސީ ގަވައިދު ބަދަލުކޮށް، ވޯޓުލާ ފަރާތްތަކަށް ނުފޫޒް ފޯރުވޭގޮތަށް ކަންކުރުން ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ އެފްއޭއެމް ފަދަ ގިނަ ކުލަބުތަކެއް ރަޖިސްޓްރީކޮށްފައިވާ އެސޯސިއޭޝަނުން، އެތަނުގެ ހިންގާ ކޮމިޓީން ބޭނުންވާ ގޮތަށް މަދު ކުލަބުތަކަކަށް ވޯޓުލެވޭގޮތަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަފީފް ވިދާޅުވި ގޮތުގައި ބައެއް ކުލަބުތަކުގެ ހިންގާ ކޮމިޓީ ބަދަލުކޮށްފައިވަނީ ވަގު ސޮއި ކޮށްގެންނެވެ. އެ މައްސަލަތައް ބެލެންޖެހޭ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
”ބައެއް ކުލަބުތަކުގެ ހިންގާ ކޮމިޓީ ބަދަލުކޮށްފައިވަނީ ވަގު ސޮއިކޮށްގެން، މީހުންގެ ވަގު ސޮއިކޮށްގެން އެމީހުންނަށް ނޭނގެ އެބަހުރި ބަދަލުކޮށްފަ، މިކަންތައްތައް ބެލެން އެބަޖެހޭ، އެކަންތައްތައް ބަލުމަށް މުއައްސަސާތަކަށް ހުށަހެޅީމަ ކުރިއަށްނުދާތީ އަޅުގަނޑުމެން މިއަދު ކަންބޮޑުވަނީ“ އަފީފް
އަފީފް އިތުރަށް ވިދާޅުވީ މިހާރު ކުޅިވަރުގެ ތެރޭގައި އޮންނަނީ ”މާފިއާ“ ފަދަ ގްރޫޕެއް އުފައްދާފައި ކަމަށެވެ. އަދި އެމީހުންގެ އެންމެ ބޮޑު ބޭނުމަކީ ބޭރުގެ ފަރާތްތަކުން ފޮނުވާ ނުވަތަ ދޭ ފައިސާގެ ބޭނުންކުރުން ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން އެހީގެ ގޮތުގައި ލިބޭ ފައިސާ، ދަނީ އަމިއްލަ ބައެއްގެ އެކައުންޓްތަކަށް ކަމަށާއި އެ ފައިސާ އެސޯސިއޭޝަންތަކަށްވެސް އަދި ދައުލަތަކަށް ނުލިބި އެފައިސާ ވަންނަނަނީ ހިންގާ ކޮމިޓީގެ މެންބަރުންގެ ޖީބަށް ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގައި ތިބޭ ބަޔަކު އެފައިސާ ހޭދަކުރަނީ އެ މަޤާމުތަކުގައި ތިބެން ކަމަށާއި އެކަމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް ލިބޭ ކުރިއެރުމެއް ތަރއްޤީއެއްގެ ނެތް ކަމަށެވެ.
ކުޅިވަރު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެސޯސިއޭޝަންތަކުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ތާޢީދު ކުރައްވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެކަމަކުގެ ސަބަބުން ބައިނަލް އަޤުވާމީ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްވާނެ ކަމަށް ބުންޏަސް ހަގީގަތުގައި ސަސްޕެންޑްވާނީ އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގައި ތިބި މީހުން ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވި ގޮތުގައި ކުޅިވަރު އެސޯސިއޭޝަންތަކުގައި ވަކި ހިއްޕާލައިގެން ދޫނުކުރަން ތިބި މީހުން ބޭރުކުރުމަށްވެސް މި ޤާނޫނަށް އިސްލާހު ގެންނަންޖެހެއެވެ.

