ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާފިޔާގެ ވަކީލުގެ ބަސް: ”ނަފްސާނީ މައްސަލަތަކެއްހުރެ، ވެފައިވާ އިއުތިރާފެއް ބަލައިނުގަނެވޭނެ“!

އިބްތިހާލްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ނަފްސާނީ މައްސަލަތަކެއް ހުރިއިރު އެ ދުވަސްވަރު އޭނާ ޝަރީއަތުގައިވެފައިވާ އިއުތިރާފަށް ބަލައި، ކުށް ސާބިތުވާކަމަށް ކަނޑައެޅޭނެކަމަށް ކަމަށް އޭނާގެ ދިފާއީ ވަކީލު ބުނެފިއެވެ.

އިބްތިހާލް މަރާލި މައްސަލައިގެ އަޑުއެހުމެއް ނޮވެމަބަރު 29 ގައި ބޭއްވިއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު މައްސަލައިގެ ހުލާސާ ބަޔާނަށްފަހު ހުކުމް އިއްވުމަށް ތާވަލު ކުރި އަޑުއެހުމެކެވެ. އެހެން ނަމަވެސް އެ އަޑުއެހުމުގައި ވަކީލެއްގެ އެހީ ބޭނުންވާ ކަމަށް އާފިޔާ ބުނުމުން އިތުރު ފުރުސަތެއް އޭނާ ދިނީއެވެ. ދައުލަތުގެ ފަރާތުން މީގެ ކުރިން ވެސް ހަމަޖައްސާފައި ހުރި އެ ވަކީލުގެ އެހީ ބޭނުން ނުވާ ކަމަށް އާފިޔާ ވަނީ ބުނެފައެވެ. އެހެން ވެ އެ ޝަރީއަތްތައް ކުރިޔަށް ގެންދިޔައީ ވަކީލަކާއި ނުލައެވެ.

އާފިޔާގެ ވަކީލެއް ހަމަޖެހިގެން ދިޔައީ ދައުލަތުގެ ފަރާތުންނެވެ. އެއީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ވަކީލެކެވެ. އެހެންވެ މައްސަލައިގައި ހުލާސާ ބަޔާން އިއްވަން އިތުރު ފުރުސަތެއް ޝަރީއަތުން ދިނީއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި މިއަދު ކުރިޔަށް ގެންގޮސްފައިވަނީ ހުލާސާ ބަޔާން އިއްވުމެވެ.

މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާފައި ނުވެއެވެ. ސަބަބަކީ ދައުލަތުގެ ބަޔާން މިދިޔަ ފެބްރުއަރީ މަހު ހުށަހަޅާފައި ވުމުންނެވެ.

ޝަރީއަށް ފެށުމުން އާފިޔާގެ ވަކީލު ހުސްނީ މުބާރަކް ވަނީ، އާފިޔާގެ މައްޗަށް ދައުވާ ކުރަނީ ކޮން ގާނޫނެއްގެ ދަށުންކަން ސާފުނުވާ ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ރައްދުގައި ދައުލަތުން ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކުގައި، ވަކި ގާނޫނެއްގެ ދަށުން ދައުވާކުރުން ލާޒިމްވެގެން ނުވާ ކަމަށެވެ.

އެއަށްފަހު ހުލާސާ ބަޔާން ހުށަހަޅުއްވާ އާފިޔާގެ ވަކީލް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތަކުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވެގެން މެނުވީ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ.

އާފިޔާ މީގެ ކުރިން ކުށަށް އިއުތިރާފުވެފައިވާއިރު، ފަހުން އޭނާ އެކަމަށް އިންކާރު ކުރިއެވެ. އަދި ހުލާސާ ބަޔާނުގައި އެކަން ފާހަގަކޮށް އާފިޔާގެ ވަކީލު ވިދާޅުވީ އާފިޔާ އިބްތިހާލަށް އަނިޔާކޮށް މަރާލިކަމަށް އެއްބަސްވެފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި، އެއީ ދައުވާ އުފުލާ މައްސަލަ ހިނގިތާ ދެ ދުވަސް ފަސްކަމަށް އޭނާ ވިދާޅުވިއެވެ.

އާފިޔާގެ ޝަރީއަތްތައް ކުރިޔަށް ދިޔައިރު، އޭނާއަށް ނަފްސާނީ ގިނަ މައްސަލަތަކެއް ދިމާވެފައިވާކަމުގެ ވާހަކަތައް ދެކެވުނެވެ. އޭގެ ތެރޭގައި ރުޅި ކޮންޓްރޯލް ނުކުރެވުމާއި، ޑިޕްރެޝަން އަދި އެންޒައިޓީގެ މައްސަލަތައް އޭނާއަށް ދިމާވެފައިވާކަމަށް ޝަރީއަތުގައި ދެކެވުނެވެ.

އާފިޔާގެ ނަފްސާނީ ބައްޔެއް ހުރޭތޯ ޓެސްޓު ހެދުމަށްފަހު 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ އަޑުއެހުމެއްގެ ތެރެއިން ނަފްސާނީ ބަލިތަކާއި ބެހޭ ޑޮކްޓަރު ޑރ. އައިޝަތު ނާޒް އަލީ ވިދާޅުވެފައިވަނީ، އެސެސްމެންޓުތަކުން އާފިޔާއަށް ޑިޕްރެޝަން އެންޒައިޓީ ވަރަށް ބޮޑަށް ދިމާވެފައިވާކަން އެނގޭ ކަމަށެވެ. އަދި އާފިޔާ ބޮޑަށް ބޭނުންވަނީ އެކަނި އުޅެން ކަމަށް ޑރ. ނާޒް ވިދާޅުވެފައި ވެއެވެ.

އާފިޔާގެ ޑިޕްރެޝަން ހުރި ނަމަވެސް، އިތުރު މާ ބޮޑު ބައްޔެއް ނެތް ކަމަށް ޑރ. ނާޒް ވިދާޅުވެފައި ވެއެވެ. އަދި އޭނާއަށް އެކި އަޑުތަކާއި، މަންޒަރުތައް ފެނުންކަހަލަ މައްސަލަތައް ދިމާނުވާކަން ޑރ. ނާޒް ފާހަގަކުރެއްވިއެވެ.

އިބްތިހާލަށް އާފިޔާ އަނިޔާކުރީ ހަމަ ބުއްދީގައި ހުރެ، އަމިއްލަ އިހުތިޔާރުން ކަމަށް ވެސް ޑރ. ނާޒް ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ޑރ. ނާޒް ވިދާޅުވީ ބުދެއް ބޭނުންކޮށްގެން އިބްތިހާލަށް ކުރި އަނިޔާތައް އާފިޔާ ކުޅެދިން ކަމަށެވެ. އަދި އެ ސެޝަނަށްފަހު އޭނާ ވަރަށް ބޮޑަށް ރުއިކަމަށް ޑރ. ނާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް ފަހުން އޭނާގެ އެފަދަ މައްސަލަތަކެއް ދިމާނުވާ ކަމަށް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތްކޮށް ހުލާސާ ބަޔާނުގައި އާފިޔާގެ ވަކީލް ވިދާޅުވީ، އެ ވިދާޅުވާ ދުވަސްވަރު އާފިޔާގެ ޑިޕްރެޝަން، އެންޒައިޓީ ހުރިއިރު، ހާދިސާގެ ދެ ދުވަސްފަހުން އާފިޔާވީ އިއުތިރާފު އެއީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރިކަން ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އާފިޔާގެ ވަކީލު ވިދާޅުވީ ޝަރީއަތް ނޫން އެހެންތަނެއްގައި ވާ އިއުތިރާފަކީ އެއީ، ޝަރީއަތުގައި ބަލައިގަނެވޭނެ އިއުތިރާފެއް ނޫން ކަމަށެވެ.

މީގެ އިތުރުން އާފިޔާގެ ވަކީލު ވިދާޅުވީ މީގެ ކުރީގެ އަޑުއެހުންތަކުގައި، މާފުށީ ޖަލުގެ ތެރޭގައި އޭނާއަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް އާފިޔާ ބުނި ކަމަށެވެ. އަދި އެކަން އެއީ ނުހިނގާކަމެއްގެ ގޮތުގައި ދައުލަތުން ބުނެދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އާފިޔާގެ ވަކީލު ތަކުރާރުކޮށް ފާހަގަކުރީ، ދައުލަތުން ހުށަހެޅި ހެކިތަކުގައި ހިމެނެނީ އާފިޔާ އިބްތިހާލަށް އިހުމާލުވީކަމުގެ ހެކިކަމަށެވެ. އެހެން ނަމަވެސް، މަރު ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ބަޔާން ކުރާ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށެވެ. އޭގެ އިތުރުން އާފިޔާ އިބްތިހާލަށް އަނިޔާކުރީ، ދަރިފުޅު މަރާލުމުގެ ނިޔަތުގައިކަން ވެސް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

އާފިޔާއަކީ ވެސް އަނިޔާގެ ޝިކާރައަކަށްވީ މީހެއް ކަމަށާއި، އޭނާއަކީ ވެސް ރައްކާތެރިކަމާއި އިންސާފު ލިބެންޖެހޭ މީހަކަށްވާއިރު އެ ހައްގު ކަށަވަރުކުރުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާފިޔާގެ ހުލާސާ ބަޔާން ހުށަހަޅައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ސަމީރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އަދި އެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލު ކުރެއްވިއެވެ.

ހުކުމެއް ނެތި، އާފިޔާ ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުން ވަކީލު އެކަން ފާހަގަކުރިއެވެ. އެހެން ނަމަވެސް އޭނާވެސް ބަންދަށް ލުއިދޭން ނުނިންމައެވެ. އެކަމާއި ގުޅިގެން ގާޒީ ނިންމެވީ މައްސަލައިގެ ބާވަތުން އާފިޔާއަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައިވެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އިބްތިހާލް މަރުވި ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއް ބަޔާނުގައި ހުށަހަޅާފައެވެ. އަދި އެ ހުރިހާ ވާހަކައެއް ހުށަހަޅަމުން ދިޔައިރު އާފިޔާގެ މޫނުމަތީން އެއްވެސް މާޔޫސްކަމެއް ނުފެނެއެވެ. އެ ބަޔާން ހުށަހަޅަމުން ދިޔަ ވަގުތު، ކޯޓު ރޫމަށް ހާޒިރުވެތިބި ހުރިހާ ނޫސްވެރިންވެސް ތިބީ އިސްޖަހައިގެންނެވެ. އަދި ދޭތެރެއަކުން އާފިޔާވެސް ފަހަތަށް އެނބުރި ނޫސްވެރިންނަށް ނަޒަރު ހިންގާލައެވެ.

އިބްތިހާލް މަރާލި ހާދިސާއަށް އަންނަ ފެބްރުއަރީ މަހު ހަ އަހަރު ވާނެއެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 64%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: