ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އަދި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގާރ ޔާމިން ރަޝީދުގެ މަރުގެ ފަހަތުގައި ވާ ކަންކަން ހޯދައި، އެބައެއްގެ މަގްސަދު ދެނެގަތުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން، ރައީސް ސޯލިހު އާއި ސަރުކާރުގެ އިސްވެރިން ބުނަމުން އައީ ރިޟްވާނަށް އިންސާފު ހޯދައިދީ، އެ މަރަށް ފަނޑު ކުރި މީހުން ހޯދާނެ ކަމަށެވެ. އަދި އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި މަޖިލީހުގެ އުނގޫފާރު ދާއިރާ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް އިންސާފު ހޯދައިދޭނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިއަދާއި ހަމައަށް ވެސް އާއިލާއަށް އެއްވެސް އިންސާފެއް ލިބިފައި ނުވާއިރު، މަރުގެ މައްސަލަތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނަށް ހޯދުނު ކުރިއެރުންތަކެއް ނެތެވެ.
އިންޑިއާގެ ”ދަ ހިންދޫ“ މީޑިއާއިން ވަނީ އިންސާފު ހޯދައިދޭނެ ކަމަށް ބުނެފައިވާ މަރުތަކުގެ މައްސަލަތައް ނުބެލި ދިގުލައިގެންދާ ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި ޔާމީން ރަޝީދާއި، ރިޟްވާންގެ މައްސަލައާއި ގުޅޭ ކަންބޮޑުވުންތައް ހުރިކަން ފާހަގަ ކުރައްވާފައެވެ.
ސުވާލަށް ޖަވާބު ދެއްވާ ރައީސް ސޯލިހު ވިދާޅުވީ، މަރުތަކާއި އަދި އަނިޔާތަކުގެ ޝިކާރައަކަށް ވީ މީހުންނަށް އިންސާފު ބޭނުންވާ އެތައް ރައްޔިތުންނެއް ތިބިކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އިންސާފު ހޯދައި، އަދުލު އިންސާފު ގާއިމް ކުރުމަށް މަރުގެ ފަހަތުގައި ވާ ހުރިހާ ކަމެއް ދެނެގަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު ބޭނުނަކީ ”ބޮޑު މަންޒަރާއި އެކު“ ރިޟްވާނާއި، ޔާމީން ރަޝީދު މަރާލި މީހުންގެ މަގްސަދާއި އެކަމަށް ހަރަދުކޮށް ފަންޑު ކުރި މީހުން ވެސް ހޯދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މަރުގެ މައްސަލަތަކަށް އިންސާފެއް ނުލިބި ލަސްވަމުންދާތީ އަންނަ ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށެވެ.
ފުރިހަމަ ތަހުގީގެއްގެ އެންމެ ބޮޑު އަނެއް ބޭނުމަކީ، ރާއްޖޭގައި އެފަދަ ދެވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުން ކަމަށާއި، ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބޭރުގެ މާހިރަކު ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް އެއްވެސް ހުރަހެއް ނައިސް ކުރިޔަށްދާނެހެން، ބޭރުން އައި އިންވެސްޓިގޭޝަން އޮފިސަރާއި އާއިލާތަކާއި ދެމެދު ގުޅުން ބަދަހިކޮށްފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހު ވިދާޅުވީ މައްސަލައަށް ލިބޭ ކުރިއެރުންތަކާއި، އަދި ހޯދާ މައުލޫމާތުތައް އާއިލާއާއި ވެސް ހިއްސާކުރަމުން ދާ ކަމަށެވެ.
އެންމެ އިސްކަމެއް ދީގެން މަރު ކޮމިޝަނުން ބަލަމުން އައީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ ރިޟްވާންގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާފައި ވާ ކަމަށެވެ.

