ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓުންނަށް ނުދީ، ސަރުކާރުން ރަށްތަކަށް ދަތުރުކޮށް ނުސީދާ ގޮތެއްގައި ކެމްޕެއިން ކުރަމުން ގެންދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އޭޕްރިލް މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެކަމުގެ ޔަގީންކަން އަދިވެސް ލިބިފައިނުވައިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން މާލޭގައިން ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމުގައި ކަރަންޓީނުވާން ޖެހޭ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އިސްވެރިންނާއި، ކުންފުނިތަކުން ރަށްތަކަށް ދަތުރުކޮށް ނުސީދާ ގޮތެއްގައި ކެމްޕެއިން ކުރަމުންދާކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ޕީޕީއެމާއި، ޕީއެންސީއިން ވެސް ބޭނުންވަނީ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ. އަދި ގައިޑްލައިނާއި އެއްގޮތަށް ކުރިޔަށް ގެންދަން ދެވޭ ހުއްދައެއްނަމަ، އެއަށް އަމަލު ކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިހާބުތަކާއި، އަދި ބޭއްވި އިންތިހާބުތަކުން އެނިގެންދަނީ މި ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތްކަން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބާއި ގުޅޭގޮތުން ދެނީ ތަފާތު އެކި މައުލޫމާތުތަކެއް ކަމަށެވެ. އޭގެ ސަބަބުން އިންތިހާބު އިންސާފުވެރިވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވާނެކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އިދިކޮޅު ޕާޓީގެ ޓިކެޓުގައި އިންތިހާބަސް ވާދަކުރާ ކެނޑިޑޭޓުންގެ ހައްގުގައި އަޑުއުފުލާނެ ކަމަށެވެ. ހީނާ ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާން އިދިކޮޅު ކޯލިޝަން އޮތީ ތައްޔާރަށް ކަމަށެވެ.
މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންތިހާބު ބާއްވާނެ ތާރީހެއް ކަށަވަރު ނުވެ ފަސްވަމުންދިއުންކަން ހީނާ ފާހަގަކުރެއްވިއެވެ. އިންތިހާބައި މެދު ކަންބޮޑުވުންތަކެއް އޮތް ނަމަވެސް، ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަން ނުފެންނަކަމަށް ހީނާ ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ، ރާއްޖޭގައި ކޮވިޑު ބަލި ފެތުރިދާނެކަމުގެ ބިރު ހީވެ، އޭރު އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކޮވިޑު-19 ގެ ބަލިމަޑުކަން ރާއްޖޭގައި އެއްކޮށް އާއްމު ހާލަތަކަށް ގޮސްފައި ނުވާއިރު، އަންމަ ފެބްރުއަރީ މަހުގެ ނިޔަލަށް އަނެއްކާވެސް މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައެވެ.
މިދިޔަ އަހަރުގެ މޭއި މަހު މަޖިލީހުން ފާސްކުރި ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެއެވެ. އަދި އިންތިހާބު ބޭއްވޭނީ ރާއްޖޭގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ، އެއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން ހެލްތް މިނިސްޓްރީއިން އިއުލާނު ކުރުމުން ކަމަށް ގާނޫނުގައި ވެއެވެ.
ސަންސެޓު ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނަށް ކުރިޔަށް ގެންދެވޭނީ، އިންތިހާބުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ، އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ނޫންކަމަށް ކަނޑައެޅުމުން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އިންތިހާބު ތާވަލު ނުކުރެވޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ފަސް ކޮށްފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޭޕްރިލް 3 އަށް ތާވަލު ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން އީސީން ބޭއްވި ބައްދަލުވުމުގައިކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

