ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލިއަކަށް މޫދަށް ކުނި އެޅުން ހުއްޓާލައިފިއްޔާ ރިޒޯޓް، ސަފާރީތަކަށް ގެއްލުންވާނެ: މަޓީ

އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީސްތަކުން، މޫދަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލައިފިނަމަ އެތަންތަނަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒްމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ރިޒޯޓްތަކުން މޫދަށް ގިނަ އަދަދަކަށް ކުނި އަޅަމުންދާ މައްސަލާގައި ކަމާއިގުޅޭ ބޭފުޅުންނާއި އެންވަޔަރަމަންްޓް އެންޑް ކްލައިމެޓް ޗޭންްޖް ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ކުއްލިއަކަށް މޫދަށް ކުނި އެޅުން ހުއްޓާލުމަކީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރާނެކަމެއްކަމަށެވެ.

ނަޒީރު ވިދާޅުވީ، މިހާރުވެސް މޫދަށް އަޅާ ކުންޏަކީ ބަޔޯޑީގްރޭޑަބަލް (ގުދުރަތީ ގޮތުން ނެތި ފަނާވެދާ) ކުނި ކަމަށެވެ. އެގޮތުން މޫދަށް އަޅާ ކުނީގެ ތެރޭގައި ހިމެނެނީ މަސް ކެނޑުމަށްފަހު ބާކީވާ ބައިތަކާއި، ބައެއް މޭވާ އަދި ތަރުކާރީގެ ތޮށީގެ އިތުރުން ބުފޭތަކުން އުކާލާ ބާކީވާ ސާމަނު ކަމަށެވެ. އަދި ބައެއް ރިސޯޓްތަކުން ބަޔޯޑީގްރޭޑަބަލް ނޫން ބާވަތްތަކުގެ ތެރެއިން ކުނި އުކާލިނަމަވެސް، 90 އިންސައްތަ ރިޒޯޓްތައް އޮޕަރޭޓް ކުރަމުންދަަނީ ގަވާއިދާ އެއްގޮތަށްކަމުގެ ޔަގީންކަން ދޭކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ، ބަޔޯޑީގްރޭޑަބަލް ތަކެތި އުކާލުމުގައި އެކި ޓުއަރިސްޓް ފެސިލިޓީތަކުން މަސައްކަތްކުރަނީ އެކިގޮތަށް ކަމަށެވެ. އެއް ބަޔަކު އެކަން ކުރަނީ ބޭރުން ބަޔަކު ގެނެސްގެން ކަމަށާއި އަނެއްބަޔަކު އެކަން ކުރަނީ އަމިއްލަ ދޯނީގައި ކަމަށެވެ. އަދި މިގޮތަށް ކުނި އުކާލަމުންދާއިރު، މީގައި ޒިންމާވާނީ ކުނި އުފައްދާ ފެސިލިޓީތޯ ނުވަތަ ބޭރުން ގެނެސްގެން އެކަން ކުރާ ބަޔަކުތޯ ކަށަވަރުވާންޖެހޭކަމަށް ނަޒީރު ވިދާޅުވިއެވެ.

”މިކަމުގައި މުޅިންވެސް ދައްކަނީ ރިޒޯޓްތަކުގެ ވާހަކަ. 100 އަށްވުރެ ގިނަ ޕްރޮޕަޓީޒް އަންޑަރ ޑިވެލޮޕްމަންޓްގެ ގޮތުގައި އެބަހުރި. އެތަންތަނަކީ މަޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނެއްނޫން. އެތަންތަނުން ރިޒޯޓްތަކަށްވުރެ ގިނައިން ކުނި ޖެނެރޭޓްކުރާނެ ކަމަށް ބެލެވޭ“ ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ އެއް ދުވަހުން އަނެއް ދުވަހަށް ފެސިލިޓީތަކުގައި އޮކިޔުޕެންސީ އިތުރު ވަމުންދާ މިންވަރަކަށް އަދި ފެސިލިޓީތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އިތުރުވަމުންދާ މިންވަރަކަށް ކުނި ޖެނެރޭޓް ވަމުންދާ މިންވަރުވެސް އިތުރުވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ކޮންމެ ކޮޓަރިއަކުން 100 ކިލޯ ކުނި އުފައްދާކަމަށްވާނަމަ މިހާރު އެއަށް 10 އިންސައްތަ އިތުރުވެފައިވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

މޫދަށް ކުނި އަޅާ މައްސަލައަށް ހައްލެއް ގެނައުމަށް ދެކުވުނު ވާހަކަތަކުގެ ތެރޭގައި މޫދަށް ކުނި އެޅޭ ގޮތަށް ހުއްދަ ދީފައި އޮންނަ އޮތުން އުވާލުމަށް ޓުއަރިޒްމް މިނިސްޓްރީއިން ކޮމެޓީތެރޭގައި ވަނީ ހުށައަޅާފައެވެ. އެކަމަށް ރައްދު ދެއްވައި، ނަޒީރު ވިދާޅުވީ ކުއްލިއަކަށް މޫދަށް ކުނި އެޅުން ހުއްޓުވައިފިއްޔާ ރިޒޯޓްތަކަށް ގެއްލުންވާނެ ކަމަށެވެ. އެހެންނަމަވެސް، މޫދަށް ކުނި އެޅުމަކީ މަޓީންވެސް ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، މުއްދަތެއް ދީފައި އެކަންކަން ބަދަލުކުރަން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެރުއްވެވިއެވެ.

”މޫދަށް ކުނި އެޅުން މަނާކޮށްފިއްޔާ ރިޒޯޓްތަކަށްވުރެ ސަފާރީތަކަށް މާ ގެެއްލުންވާނެ. އެއް ހަފްތާ ދެ ހަފްތާ ޓުއާގައި އުޅޭއިރު ކުނި މެނޭޖް ކުރަނީ ނުވަތަ އުކާލަނީ ޒިންމާދާރު ގޮތަކަށްތޯ ބެލުން މުހިންމު ކަމަށް ފެނޭ“ ނަޒީރު ވިދާޅުވިއެވެ.

ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓުއަރިޒްމް މިނިސްޓްރީގެ ގަވާއިދު މުރާޖައާކޮށް، މޫދަށް ކުނިއެޅުން ހުއްދަކޮށްފައިވާ މާއްދާ އުވާލުމުން މިކަމަށް ވަގުތީ ހައްލެއް އަންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމ ްވެސް ވަނީ އެ ހުށައެޅުމަށް ތާއީދުކޮށް، މިހާރު އޮތް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މި މައްސަލަ ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރު ބަދަލުވެގެން އައިއިރު ގަވާއިދުތައް ކޮންމެވެސް ވަރަކަށް މުރާޖައާ ކުރަން މަސައްކަތް ކުރިއިރު ބައެއް ގަވާއިދުތައް އައުޓްޑޭޓް ވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި، 18 ވަރަކަށް ގަވާއިދަަށް އިސްލާހުތައް ގެނައުމަށް މަސައްކަތް ފެށި، ބައެއް ގަވާއިދުތަކަށް އިސްލާހު ގެނައުމަށްފަހު ގެޒެޓް ކުރެވުނު ކަން ފާހަގަކުރިއެވެ.

ގަވާއިދުތައް ނުހެދި ލަސްވާ ސަބަބު އޮޅުންފިލުވައި ދެއްވަމުން އެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވި އެހެން ވެގެންދިޔައީ، މުވައްޒަފުންގެ ދަތިކަމާއި ކޮވިޑްގެ ތެރޭގައި މިނިސްޓްރީ އެއްކޮށް އެކަމަށް އެއްކޮށް ހުސްވާން ޖެހުމުން ކަމަށެވެ. އަދި މިކަމަށް އިސްލާހުތައް ނުގެނެވި އޮތީ، މިހާރުވެސް މަޝްވަރާތައް ކުރިއަށްދާތީ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް މުރާޖައާކޮށް، ގެޒެޓްކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: